ޚަބަރު

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު


ލޯކަލް ކައުންސިލް އިންތިޚާބުގެ 2 ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ދެވަނަ ބުރުގެ ވޯޓްލުން ބޭއްވެވުމަށް ހަމަޖެހިފައިވަނީ ތ. މަޑިފުއްޓާއި، ކޮމަންޑޫ ކައުންސިލްގެއެވެ. އެގޮތުން ތ. މަޑިފުށީ ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ، އެކޮމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ނިންމެވީ، އެބިއުރޯއަށް ހުށައެޅިފައިވާ މައްސަލައަކީ ވޯޓްފޮށި އަލުން ގުނައިގެން ޙައްލުކުރެވޭނެ މައްސަލައަކަށް ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ. ޕީ.އެސް.އެމް ނިއުސްއަށް އެނގިފައިވާގޮތުގައި މަޑިފުށީ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް އެކޮމިޝަނުން ނިންމަވާފައިވަނީ އެރަށު ކައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިފައިނުވާ މީހަކު ވޯޓްލާފައިވާ ކަމަށް ހުށައެޅިފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން މިނިންމެވުން ނިންމަވާފައިވަނީ 2014 ވަނައަހަރު ބޭއްވެވި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހުށައެޅުނު މިފަދަ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމަކާ އެއްގޮތަށެވެ. އެގޮތުން މިފަދަ ޝަކުވާއަކާ ގުޅިގެން 2014 ވަނަ އަހަރު ގއ. ކޮނޑޭ ކައުންސިލް އިންތިޚާބު ބާޠިލުކުރައްވައި، ދެވަނަ ބުރެއް ބޭއްވެވުމަށް ސުޕްރީމް ކޯޓުން ނިންމަވާފައެވެ.ށ. ކޮމަންޑޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމަށް 2 ވަނަ ބުރުގެ ވޯޓްލުން ކުރިއަށްގެންދެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ށ. ކޮމަންޑޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން 3 ވަނައަށް އެންމެ ގިނަ ވޯޓް ލިބިފައިވާ ދެ ކެނޑިޑޭޓުންގެ މެދުގައި ލިބުނު ވޯޓްގެ ޢަދަދު އެއްވަރު ވެފައިވާތީއެވެ. އެގޮތުން ކޮމަންޑޫ ކައުންސިލަށް އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރި އަޙްމަދު ރިފްޢަތާއި، މުޙައްމަދު އާރިފް އަޙްމަދަށް ވަނީ 518 ވޯޓް ލިބިގެން ނަތީޖާ އެއްވަރުވެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެއްވެސް އިންތިޚާބީ ދާއިރާއަކުން އެކައުންސިލަށް އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރު ވެފައިވާނަމަ އެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަސް ތެރޭގައި އެއިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބިގެން އެއްވަރުވި ކެނޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ވާނެކަމަށެވެ.