ޚަބަރު

އެމްޑީޕީން އެހީނުވިޔަސް ތަރައްޤީ ގެންނާނަން - ރައީސް


އެމްޑީޕީގެ ކައުންސިލްތަކުން އެހީވިޔަސް ނުވިޔަސް ރާއްޖޭގެ އެކިހިސާބުތަކަށް ތަރައްޤީ ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ރައީސްވަނީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަލިއަޅުއްވާލައްވައި ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އަމާޒުކުރެއްވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންނަށާއި، ސުލްހައަށް ލޯބިކުރާ ރައްޔިތުންނަށެވެ. ރައީސް ޔާމީން ވިދާޅުވީ، ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ފިލާވަޅުތަކެއް ނަގަންޖެހޭކަމަށެވެ.

މާލޭގެ އާބާދީއަކީ ބޮޑު އާބާދީއެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ޢަދަދު ދުއިސައްތަ ފަންސާސް ފަސް ހާހަށްވުރެ އިތުރުކަމަށާ، ރަށްރަށުގައި ތިބެގެން ރައްޔިތުންގެ ބާރުވެރިކަން ދެއްކުމަށްޓަކައި ބަޔަކު ހޮވާއިރު ވޯޓުލާން ނިކުން މީހުންގެ ޢަދަދަށް ސަމާލުކަންދޭންޖެހޭކަމަށެވެ. 

މިއިންތިޚާބުގައި ވޯޓުލުމަށް ނުކުތީ މަދު ޢަދަދެއްގެ ބަޔަކުކަމަށާއި މާލެ އިން ވޯޓުލެވޭ ކޮންމެ 10 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ ތިން މީހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ނިޒާމްގެ ތެރެއިން ރީތި އުސޫލްތަކުގެ މައްޗަށް ވެރިކަން ހިންގޭ ސަރުކާރަކީ މިސަރުކާރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނިމިދިޔަ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބުކަމަށް ބޭރުގެ ފަރާތްތަކުންވެސް ޤަބޫލްކުރާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ކައުންސިލަރުން އެހީވިޔަސް ނުވިޔަސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ތަރައްޤީ ގެންނަވާނެކަމަށެވެ. މީގެކުރިން ރަށްރަށުގެ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ހޯދައިގެން ކުރި ކަމަކީ ކޮބައިތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އަދި ޕީޕީއެމަކީ ވެރިކަން ހޯދަން މަސައްކަތް ކުރާ ޕާޓީއެއް ނޫންކަމަށާއި، އެޕާޓީއަކީ ރައްޔިތުންނަށް ދިމާވެފައިހުރި ބިރުވެރި ކަންކަމުން ސަލާމަތްކޮށް ދިނުމަށް ނުކުތް ޕާޓީއެއް ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ދިރާސާކުރެއްވުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ރައީސްވަނީ ގޮވާލައްވާފައެވެ. 

ރައީސް ވިދާޅުވީ، އެމްޑީޕީ މެޖޯރިޓީ ކައުންސިލްތަކުން ސަރުކާރުގެ އެކި ތަރައްޤީގެ މަޝްރޫއުތަކަށް ދަތިކުރާކަމަށާ، ނަމަވެސް މިސަރުކާރަކީ ދިވެހި ދައުލަތުގެ ސިޔާދަތު ފުރިހަމައަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށާއި، ރާއްޖޭގެ ކޮންމެ އަކަފޫޓެއްގެ މައްޗަށް ހިންގާނެ ސަރުކާރެއް ކަމަށްވާތީ ތަރައްޤީ ގެންނަވާކަމަށެވެ.