ޚަބަރު

ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފި


ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ފުލުހުން ފުރަތަމަ ޢާއްމުކުރި ފޮޓޯތަކުން ފެންނަ 2 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން މިއަދު ނެރުއްވި ބަޔާނުގައި އޭޕްރީލްމަހުގެ 22 ވަނަ ދުވަހުގެރޭ ވިދާޅުވީ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މީހުންގެ ތެރޭގައި މިކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވިގެން، ފުލުހުންގެ ފަރާތުން ޢާންމުކޮށްފައިވާ ފޮޓޯތަކުގައި ފެންނަކަމަށް ތުހުމަތުކުރެވޭ 2 މީހުން ހިމެނޭކަން ޔަޤީންކުރެވޭކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.



ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތަހުޤީގަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށާއި، ތަހުޤީޤް ކާމިޔާބުކުރުމުގެ އުއްމީދު ބޮޑުކަމަށެވެ. އަދި މިއަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.