ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ރާއްޖެ ވަނީ ކުރީގައި


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ކުރާ މަސައްކަތުގައި، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން މިހާރުވެސް ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށް އެންވައިޔަރަމަންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑު ދަނޑިތަކަކީ ސާސްކަފްގެ ލަނޑުދަޑިތަކުގެ މުއްދަތު 2015 ވަނަ އަހަރު ހަމަވެފައިވާތީ، 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އދ.ގެ އާންމު މަޖްލީހުން ފާސްކޮށްފައިވާ އައު ލަނޑުދަނޑިތަކެކެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑިޔާ 169 އަމާޒެއް ހިމެނެއެވެ. މި 17 ލަނޑުދަނޑީގެ ތެރެއިން 6 ލަނޑުދަނޑިއަކީ ސީދާގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިފައިވާ ލަނޑުދަނޑިތަކެކެވެ.

މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، 2030ގެ ކުރިން ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއިން ޙާސިލްކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި މިހާރުވެސް ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިންކުރާ މަސައްކަތުގައި މި ސަރަޙައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ރާއްޖެއިންކުރާނެ މައްސައްކަތްތައް ބައްޓަންކުރާނެގޮތް ކަނޑައެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ޚާއްސަ ބައްދަލުވުންތަކެއްވެސް ވަނީ ބާއްވާފައެވެ.

ސާސްކަފްގެ ލަނޑުދަނޑުތައް ހާޞިލްކުރުމުގައި ޤައުމުތަކުން ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް އަދިވެސް ދުނިޔެއިން ފަޤީރުކަން ނައްތާލެވިފައިނުވާތީ، 2030 ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަމާޒުކޮށްފައިވަނީ ދުނިޔެއިން ފަޤީރުކަން ނައްތާލުމާއި، އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމަށެވެ.