ޚަބަރު

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރައްވަން ފައްޓަވަނީ


ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް ފަށްޓާވަން ސަރުކާރުން ނިންމަވައިފިއެވެ.

މި ބަނދަރު އަލަށް ތަރައްޤީ ކުރައްވަނީ އުތުރުގެ 3 އަތޮޅަށް ޚާއްސަކުރެވިގެން ސްލިޕްވޭ އަކާއިއެކުގައެވެ. ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އިޤްބާލް ޙަމީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، މިހާރަށް ވުރެ ބޮޑެތި އުޅަނދުފަހަރަށް ޚިދުމަތް ދެވޭނެ ފެންވަރަށް ބަނދަރު ބޮޑުކުރެވޭނެ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ލުއިކަމެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ރާއްޖޭގެ ދެ ސަރަޙައްދެއްގައި ވަނީ ސަރަޙައްދީ ދެ ބަނދަރު ހައްދަވާފައެވެ. އަތޮޅުތަކުގެ ރައްޔިތުންނަށް ބޭނުންވާ މުދާ އެރައްޔިތުންނާއި ވީހާވެސް ކައިރިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސ. ހިތަދޫ އާއި ހދ. ކުޅުދުއްފުށީގައި ހައްދަވާފައިވާ ސަރަހައްދީ ދެ ބަނދަރުގެ ތެރެއިން ކުޅުދުއްފުށީ ބަނދަރު ފާހަގަކުރެވިފައި ވަނީ މިވީހާތަނަށް އެންމެ އެދެވޭގޮތަކަށް ބޭނުން ނުކުރެވޭ ބަނދަރެއްގެ ގޮތުގައެވެ. މި ބަނދަރުން މިހާރު ޚިދުމަތް ދެވެނީ 1،000 ޓަނަށް ވުރެ މަދުން މުދާއުފުލާ އުޅަނދުފަހަރަށް އެކަންޏެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބެއްލެވުމުގެ ދަށުން ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު މިހާރު ހިންގަމުންގެންދާ ކުޅުޅުދުއްފުށީ ޕޯޓް ލިމިޓެޑް ޖެނެރަލް މެނޭޖަރ އިޤްބާލް ޙަމީދު ވިދާޅުވީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރެއްވުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުމަށް ސަރުކާރުން ނިންމަވައި އެކަން ފެއްޓެވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، 1000 ޓަނަށް ވުރެ ގިނައިން މުދާ އުފުލާ ބޮޑެތި ބޯޓުފަރަށް ޚިދުމަތް ދެވޭ ފެންވަރަށް މި ބަނދަރު ތަރައްޤީ ކުރައްވާނެ ކަމަށެވެ.

އިޤްބާލް ވިދާޅުވީ މި މަޝްރޫޢުގެ ތެރެއިން ބަނދަރުގައި ޤާއިމްކުރާ ސްލިޕްވޭއިން އޮޑިދޯނިފަހަރު އެހެލުމަށްފަހު އެއަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ. ސަރަޙައްދީ ބަނދަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަޝްރޫޢުގެ ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އޭގެ ދެލިކޮޕީ އެކުލަވާލެވޭނެ ކަމަށް އިޤްބާލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުން މިހާރު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރައްވަނީ ބަނދަރު ނިންމައި ހއ. ހދ. ށ. ނ. ރ މި 5 އަތޮޅުގެ ރަށްތަކަށް ބޭނުންވާ މުދާ މާލޭގެ ބަދަރަށް ބޭލުމުގެ ބަދަލުގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

ކުޅުދުއްފުށީ ބަނދަރަށް މިހާރުވެސް ޢާއްމު ގޮތެއްގައި މަހަކު 10،000 ޓަނުގެ މުދާ ބާލާ ކަމަށް ކޭޕީއެލުން މަޢުލޫމާތުދެއެވެ. އެގޮތުން މި ބަދަރަށް މައިގަނޑު ގޮތެއްގައި ހިލައާއި ހިލަވެއްޔާއި ދަގަނޑު އެތެރެކުރެއެވެ. އަދި ކުނިވާ ޒާތުގެ މުދާ ވެސް އެތެރެކުރެއެވެ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު ހުޅުވައި ޚިދުމަތް ދޭން ފެށީ 2005 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.