ރިޕޯޓް

ސިނާޢީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރެވަމުން އަންނަ ތިލަފުށި


ސިނާއީ ގިނަ މަސައްކަތްތަކެއް އެތަނަކުން ފެނިގެންދާ ތިލަފުށްޓަކީ، މާލެ ސަރަޙައްދުގައި ސިނާޢީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރައްވަމުން އަންނަ ތަނެކެވެ. އެ ރަށުގައި މިހާރުވެސް 250 އަށްވުރެ ގިނަ ފަރާތުން ސިނާޢީ އެކި މަސައްކަތް ކުރެއެވެ.

މާލެއިން ފުރައިގެން ފެރީއެއްގައި ދިހަ ވަރަކަށް މިނެޓުން ދެވޭ ތިލަފަޅު، މިހާރުގެ ގޮތުން ނަމަ ތިލަފުށްޓަކީ، ސިނާއި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. 90 ގެ އަހަރުތަކުގެ ތެރޭގައި ފަޅެއްގެ ގޮތުގައި އޮތް ތިލަފަޅު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީ، މާލެ ސަރަހައްދުގެ ކުނި ޖަމާކޮށް އެ ކުނިތައް ނައްތާލާ ރަށެއްގެ ގޮތުގައެވެ. img:http://s2.psmnews.mv/images/660x400/3186.jpg|ތިލަފުށި - ފައިލް ފޮޓޯ: ޕީއެސްއެމް

ދިގު މިނުގައި ގާތްގަނޑަކަށް 7 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 200 މީޓަރު ހުންނަ ތިލަފަޅަށް ކުނި އަޅައިގެން ހިއްކަން ފެށީ 7 ޖެނުއަރީ 1992 ގައެވެ. މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނި ބޭނުންކޮށްގެން ހިއްކަން ފެށި ތިލަފަޅު ރަށަކަށް ބަދަލުވެ އެ ތަނަކީ މި ސަރަހައްދުގެ ސިނާއީ މަސައްކަތް ކުރާ ރަށަކަށް ބަދަލުވެގެންދިޔައެވެ. އިސާހިތަކު ސިނާއީ އެތައް މަސައްކަތްތަކެއް އެތަނުގައި ފެށި، ގިނަ ފެކްޓްރީތަކެއް ޤާއިމުކުރެވިގެންދިޔައެވެ. ރާއްޖެއަށް އެތެރެކުރާ ސިމެންތިއާއި ގޭސްފަދަ ތަކެތި ޖަމާކޮށް މާލެއަށް ފޮނުވާ ތަނަކީވެސް ތިލަފުށްޓެވެ. img:http://s1.psmnews.mv/images/660x400/14594014068922.jpg|ތިލަފުށި - ފައިލް ފޮޓޯ: ތިލަފުށި ކޯޕަރޭޝަން

ކުނި އަޅައިގެން ހިއްކަން ފެށި ތިލަފަޅު މިހާރު މިވަނީ މާލެ ސަރަޙައްދުގެ ވިޔަފާރި ހަބަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. މިހާރުވެސް 250 ވުރެ ގިނަ ފަރާތުން ސިނާއީ އެކި މަސައްކަތްތައް ތިލަފުށީގައި ކުރަމުންދެއެވެ. މީގެތެރެއިން ބައެއް މަސައްކަތްތަކަކީ ހަމައެކަނި ތިލަފުށީގައި ކުރަމުން އަންނަ މަސައްކަތްތަކެވެ. ތިލަފުށީގައި މިހާރު ތަރައްޤީ ކުރަމުންދާ އިންޑަސްޓްރިއަލް ޒޯނަކީ ތިލަފުށީގައި އިޤްތިޞާދީ ގޮތުން ހުޅުވާލެވޭ ފުރުޞަތެއްގެ ގޮތުގައި ތިލަފުށި ކޯޕަރޭޝަނުން ސިފަކުރައްވައެވެ.

ތިލަފުށި އިންޑަސްޓްރިއަލް ޒޯނުން ސިނާއީ އެކި ބޭނުންތަކަށް ޚާއްސަކޮށްގެން 40 ބިމެއް ދޫކުރުމަށް ނިންމާފައިވެއެވެ. މި ތަންތަނަކީ ރާއްޖޭގެ އިޤްތިޞާދަށް އޭގެ މަންފާ ކުރާނެ ގޮތަށް ބޭނުން ކުރެވޭނެ ތަންތަނަށް ހެދުމަށް ތިލަފުށި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. img:http://s1.psmnews.mv/images/660x400/2564.jpg|ސިނާއީ މަސައްކަތް ކުރުމަށް ހާއްސަ ކޮށްފައިވާ ތިލަފުށީގެ މަގެއްގެ މަތި - ފައިލް ފޮޓޯ: ޕީއެސްއެމް

ތިލަފުށީގައި މިހާރު ހަދަމުންދާ ބޮޑު މަގާއެކު އިންޑަސްޓްރިއަލް ޒޯނަށް އިތުރު ދިރުންތަކެއް އަންނާނެ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާސިފް ވިދާޅުވިއެވެ. ފާއިތުވި ގާތްގަނޑަކަށް 3 އަހަރު ދުވަހުގެ ތެރޭގައި ތިލަފުށްޓަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ނާސިފް ވިދާޅުވީ، ކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒަކީ، ވިޔަފާރިވެރިންނަށް އެކަށީގެންވާ ފައިދާ ހޯދައިދިނުން ކަމަށެވެ.

ތިލަފުށްޓަކީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްހަމަޖެހޭ، ރައްކާތެރި މާހައުލަކަށް ހެދުމަށްވެސް ތިލަފުށި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕާކް ތަކާއި، ކްލިނިކެއްގެ އިތުރުން ފުލުހުންގެ ޚިދުމަތް ގާއިމްކުރުން ހިމެނެއެވެ.

ތިލަފުށީގެ ޑިމާންޑަށް ބެލުމަށްފަހު ތިލަފުށި އިތުރަށް ހިއްކުމުގެ މަސައްކަތް މި އަހަރު ފެށުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.