ހުޅުމާލޭގައި ކުނި އުކާލަދިނުމުގެ ޚިދުމަތް މިމަހުގެ 21 ގައި ފެށުމަށް ވެމްކޯއިން ނިންމައިފިއެވެ. މި ޚިދުމަތަށް އެދި ރަޖިސްޓަރކުރުމުގެ ފުރުޞަތު މިއަދު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
ހުޅުމާލޭގައި މި ޚިދުމަތް ފެށުމަށްޓަކައި މިކަމަށް އެދި ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ހުޅުމާލޭ އެޗްޑީސީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވެމްކޯގެ ބިޒްނަސް ޑިވަލޮޕްމަންޓް މެނޭޖަރ މުޙައްމަދު އިޤްބާލް ވިދާޅުވީ، ހުޅުމާލޭގައިވެސް އެކުންފުނިން މި ޚިދުމަތް ދޭނީ މާލެއާއި އެއް އަގުތަކެއްގައިކަމަށެވެ. އިޤްބާލް ވިދާޅުވީ، މި ޚިދުމަތަށް އެދި ރަޖިސްޓްރީކުރުމަށް ފޯމްފުރުމުގެ ކަންތައްތައް ކުރިއަށް އޮތް 4 ދުވަހު ހުޅުމާލޭ ފެރީޓަރމިނަލްގައި ހަމަޖެހިފައި ހުންނާނެކަމަށެވެ. އަދި މިހަތަރު ދުވަހުގެ ފަހުންވެސް ވެމްކޯގެ އޮފީހުންނާއި އެކުންފުނީގެ ވެބްސައިޓުން ފޯމް ލިބެން ހުންނާނެކަމަށްވެސް އިޤްބާލް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އެޗްޑީސީގެ ޑިރެކްޓަރ، ހިއުމަން ރިސޯސަސް އެންޑް ޕާރސަނަލް އަޙްމަދު ފާތިޙް ވިދާޅުވީ، ވެމްކޯއިން ހުޅުމާލޭގައި ކުނިއުކާލުމުގެ ޚިދުމަތް ދޭން ފެށުމުން އެޗްޑީސީން ހުޅުމާލޭގައި މިހާރު ދެމުންދާ މި ޚިދުމަތް ހުއްޓާލާނެކަމަށެވެ. އަދި ހުރިހާ ތަނެއްގައި އެއް އުޞޫލެއްގެ ދަށުން އެއް ކުންފުންޏެއް މެދުވެރިކޮށް މި ޚިދުމަތްދިނުމުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް ފާތިޙް ވިދާޅުވިއެވެ.
ވެމްކޯއިން މާލެ ސަރަޙައްދުގައި ކުނިއުކާލުމުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކަކީ ގޭގެއަށް ގޮސް ނުވަތަ އެޕާޓްމަންޓަށް ގޮސް ކުނި ނަގާގޮތަށްނަމަ މަހަކު 150 ރުފިޔާއެވެ. ގޭގެ ތިރީގައި ޑަސްބިންގ ބަހައްޓާގޮތަށްނަމަ ކޮންމެ މަހަކު 100 ރުފިޔާއެވެ.
މި ޚިދުމަތް މިމަހުގެ 21 ވަނަ ދުވަހު ފަށާއިރު ވީހާވެސް ގިނަ ފަރާތްތަކަކުން މިޚިދުމަތަށް ރަޖިސްޓްރީކުރުމަށް އެޗްޑީސީންނާއި ވެމްކޯއިން ވަނީ އެދިފައެވެ.