ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާ ކަންބޮޑުވާ މިންވަރަށް އިތުރު - ޢާޒިމާ


ރާޢްޖޭގައި އަންހެނުންނަށް އަނިޔާ ކުރާ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ޢާޒިމާ މިހެން ވިދާޅުވީ، ވިޔަފާރި އާއި މަސައްކަތްތެރިކަމުގެ ދާއިރާއިން އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމުން) ދޭ ސުލްޠާނާ ޝަރަފް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަމުންނެވެ. 

ޢާޒިމާ ޝަކޫރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާކަމަށް ދިރާސާތަކުން ދައްކާކަމަށެވެ. ރާއްޖޭގައި އަންހެނުންނަށް އަނިޔާ ކުރުން ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާއިރުވެސް ރާއްޖޭގެ ޖިނާޢީ ޢާދުލުގެ ނިޒާމުން މިކަން ނުފެންނާތީ ސުވާލު އުފެދޭކަމަށްވެސް ޢާޒިމާ ވިދާޅުވިއެވެ. 

އާޒިމާ ވިދާޅުވީ، ޖިންސީ އަނިޔާ ލިބޭމީހަކަށް އިންސާފު ލިބުނުކަމުގައިވިޔަސް އެއަނިޔާއަށްފަހު އޭނާގެ ދިރިއުޅުމުން އޭގެ އަސަރު ނުކެނޑޭނެކަމަށެވެ. އެހެންކަމުން މިކަން ހުއްޓުވުމުގެ މަސައްކަތް އެންމެން ގުޅިގެން ކުރަންޖެހޭކަމަށް އާޒިމާ ވިދާޅުވިއެވެ.