ޚަބަރު

އޭޑީކޭއިން އާސަންދައިގެ ޚިދުމަތް އަނެއްކާވެސް ދޭން ފަށައިފި


ރޭ ދަންވަރު ބާރައިން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް އޭޑީކޭ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އޭޑީކޭއިން ދިވެހި ރައްޔިތުންނަށް ކުރިއެކޭ އެއްގޮތަށް އާސަންދައިގެ ޚިދުމަތް ދޭން ފެށީ، މިޚިދުމަތް ދިނުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލާއި އާސަންދަ ކޮމްޕެނީއާއި ދެމެދު އިއްޔެ ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އާސަންދަ ނިޒާމުގެ ތެރެއިން ކުރިންވެސް ދެމުން އައި ހުރިހާ ޚިދުމަތެއް ޢާއްމުންނަށް ފޯރުކޮށްދޭނެކަމަށް އޭޑިކޭ ހޮސްޕިޓަލުން ބުނެއެވެ. އޭޑީކޭ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލީ، އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް ހުއްޓާލުމަށް މިދިޔަ ހަފްތާގައި އާސަންދަ ކުންފުނީގެ ބޯޑުން ނިންމެވުމާ ގުޅިގެންނެވެ. 

ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް، 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމެވި ނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ވެސް އާސަންދަ ޚިދުމަތް ލިބޭނޭގޮތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ހަމަޖައްސަވާފައެވެ.