ތިމާވެށި

"2018 ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރެވޭނެ"


2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކުނި މެނޭޖު ކުރާނެ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތް ދެއްވަން ފައްޓަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ކޮންމެ ރަށެއްގައިވެސް ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާނާ މަޝްރޫޢުއާ ބެހޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާ، މި މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަވަނީ ޒޯންތަކަކަށް ބައްސަވާ ލައްވައިގެން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމް ކުރައްވައިގެންކަމަށެވެ. މިގޮތުން ޒޯން ދޭއްގައި ހިމެނޭ ނ.ރ.ބ އަދި ޅ، މި ހަތަރު އަތޮޅުގެ ސާޅީސް ތިން ރަށުގައި ކުނިކޮށި ޤާއިމްކުރައްވައި މި ސަރަޙައްދުގެ ކުނި ނައްތާލުމަށް ރ.ވަންދޫގައި ޤާއިމްކުރެއްވި ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޚިދުމަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14944320560729.jpg|އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މި ޕްރޮޖެކްޓަށް ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 36.2 މިލިޔަން ރުފިޔާ ދީފައިވާއިރު، ލޯނުގެ ގޮތުގައި 110 މިލިޔަން ރުފިޔާވަނީ ދީފައެވެ. މީގެއިތުރުން ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް ޚަރަދުކުރައްވާ 51.2 މިލިޔަން ރުފިޔާއާއެކު މި މަޝްރޫޢުގެ ޖުމްލަ އަގަކީ 198 މިލިޔަން ރުފިޔާއެވެ. މީގެއިތުރުން ޒޯން އެކެއްގައި ހިމެނޭ ހއ.ހދ އަދި ށ އަތޮޅުގައި ހިމެނޭ 41 ރަށުގައި މި މަޝްރޫއުގެ މަސައްކަތް މިހާރު ފަނީ ފައްޓަވާފައެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ، މިކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށާ، މިހާރު ކުރިއަށްދަނީ މި ރަށްރަށުގައި ކުނިކޮށި އެޅުމަށް، ޓެންޑަރ ކުރެއްވުމުގެ މަސައްކަތްކަމަށެވެ. ޒޯން އެކެއްގައި ހިންގަވާ މި މަޝްރޫޢުއަށް އޯފިޑުން ލޯނު އެހީގެގޮތުގައި 7.25 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އަދި ސަރުކާރުން ޚަރަދުކުރައްވާ 29 މިލިޔަން ރުފިޔާއާއެކު މި މަޝްރޫޢުއަށް 142 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. މީގެއިތުރުން މާލެ ހިމެނޭ ޒޯންކަމަށްވާ ޒޯން ތިނެއްގެ ކުނި ނައްތާލުމުގެ މަޝްރޫޢުއަށް ބޭނުންވާ 120 މިލިޔަން ޑޮލަރުވެސް މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14944320992480.jpg|މިއަދުގެ ޕްރެސް ކޮންފަރެންސްގައި އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

 މި ޒޯންގައި ހިމެނެނީ މާލެއަތޮޅާއި، އއ އަދި އދ އަތޮޅު. މީގެއިތުރުން ދެކުނުގެ އަތޮޅުތައް ހިމެނޭ ޒޯން ހައެއް އަދި ހަތެއްގެ ރަށްރަށުގައިވެސް މި މަޝްރޫޢު ފައްޓަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ތާރިޤް ވިދާޅުވީ، ދެކުނުގައި ޤާއިމްކުރައްވާ ރީޖިނަލް ވޭސްޓްމެންޓް މެނޭޖްމަންޓް ސެންޓަރުގެ ޑިޒައިންގެ މަސައްކަތް ކުރިއަށްދާކަމަށާއި އަދި މި ސަރަހައްދުގެ ރަށްރަށުގައި ކުނިކޮށި އެޅުމާއި، ޓެންޑަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި މަޝްރޫޢުއަށް 189 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. މި ފައިސާވެސް މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މ.ފ.ދ.ތ އަދި ލ އަތޮޅުގައި ވެސް މި މަޝްރޫޢު ފެއްޓެވުމަށް ތައްޔާރުވެފައިވާކަމަށާ، މިމަޝްރޫޢަށް ބޭނުންވާ ފައިސާ ހޯއްދެވުމުގެ މަސައްކައް ވޯލްޑް ބޭންކާއި ގުޅިގެން ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ތާރިޤް ވިދާޅުވި، މިފައިސާ މިއަހަރު ނިމުމުގެ ކުރިން ހަމަޖެހޭނެކަމަށެވެ.