ކުރީގެ ސަރުކާރުތަކުގައި ކައުންސިލްތައް މަސައްކަތް ކުރައްވާފައި ހުރި ގޮތުން ރައްޔިތުންގެ މެދުގައި ކައުންސިލް ނިޒާމަކީ އެހާ މަޤްބޫލު ނިޒާމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ސިޓީ ކައުންސިލްތަކުން ކަންތައްތައް ކުރައްވާފައި ހުރި ގޮތުން ސަރުކާރުން ކައުންސިލްތަކުގެ ޤާނޫނާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް އިޞްލާޙްތައް ގެންނަވަން މަޖުބޫރުވެގެން ދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ސަރުކާރަށް ޖެއްސުން ކުރެއްވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާކަމަށެވެ. އަދި ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކަށް ގެންނަވަމުން އަންނަ ތަރައްޤީއަށް ކައުންސިލްތަކުން ހުރަސް އަޅުއްވާކަމަށްވެސް ފިޝަރީޒް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ކައުންސިލްތަކުން ހިފެހެއްޓިއަސް އަދި ނުހިފެއްޓިއަސް ސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެންނަވަމުން ގެންދަވާނެ ކަމަށެވެ. ކައުންސިލް ނިޒާމު ނުވަތަ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ހޭނެން ދުވަސް ހޭދަވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ނަތީޖާގެ ސަބަބުން ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ އެއްވެސް މަސައްކަތަކަށް ހުރަސްއެޅިގެން ނުދާނެކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.