ތަރައްްޤީ

ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ - ސޮބާ


ފުރަތަމަ ބުރުނިންމާލެވުނީ ހިތްހަމަ ޖެހޭވަރުގެ ނަތީޖާއަކާ އެކީ ކަމަށް ގްރީން ސްޓްރީޓް ކޯޗު ސޮބާހު މުހައްމަދު ބުނެފިއެވެ.

އެސްޓީއޯ މާލޭލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 ލަނޑުން ކުރި ހޯދުމަށްފަހު ސޮބާ ބުނީ މި މެޗުން މޮޅުވީ ކުޅުންތެރިން މޮޅުވާން ބޭނުންވެފަ ތިބިލެއް ބޮޑުކަމުން ކަމަށާއި، މުޅި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި އެހެން ޓީމުތަކުން ބޭނުން ނުވެގެން ބޭކާރުވެފައިތިބި ކުޅުންތެރިން ގްރީން ސްޓްރީޓްގައި އެބަތިބި ކަމަށާއި، މިއަދުގެ މެޗުގައި ދެއްކި ކުޅުމުން އެ ކުޅުންތެރިން މި ލެވެލްގައި އަދިވެސް ކުޅޭނެކަން ސާބިތުކޮށްދީފިކަމަށް ސޮބާ ބުންޏެވެ. އޭނާ ބުނީ މިއީ ފުރަތަމަ ބުރު ނިންމާލަން ނިންމި ޓާގެޓަށްވުރެވެސް ރަނގަޅު ނަތީޖާއެއް ކަމަށާއި، މި ނަތީޖާއަށް ވާސިލްވެވުނީ މެނޭޖްމަންޓާއި، ކުޅުންތެރިންނާއި، ސްޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއެކީ ކަމަށެވެ. 

"މިއީ ފުރަތަމަ ބުރު ނިންމަން ކަނޑައެޅި ޓާގެޓަށްވުރެވެސް ރަނގަޅު ނަތީޖާއެއް، މިއަދުގެ މެޗުގައި މުޅި ޓީމުގެ ކުޅުން ވަރަށް ރަނގަޅު، މެޗުން މޮޅުވާން ބޭނުންވެފައިވާ މިންވަރު މެޗުން ފެނިގެންދިޔަ، މިއީ މެނޭޖްމަންޓާ، ސަޕޯޓަރުންގެވެސް ފުރިހަމަ ސްޕޯޓާއެކު ލިބުނު ކާމިޔާބީއެއް. "ސޮބާ ބުންޏެވެ.

މެޗަށްފަހު ޓީސީ ސްޕޯރޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ޓީސީން މެޗް ފެށީ ވަރަށް ރަނގަޅަށްކަމަށާއި، މެޗުގެ ކުރީކޮޅު ވަން ގޯލަކުން މެޗްގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެންދިޔަކަމަށެވެ. އަދި މުޅި މެޗްގައިވެސް ޓީމުގެ މެދުތެރޭގައި އެންމެ ރަނގަޅު ކުޅެމުން އަންނަ އައްޒާމް ނެތްތަން ވަރަށް ބޮޑަށް ދެއްކިކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ޓީސީއަށް ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި އޭގެ ބޭނުން ނުހިފުނު ކަމަށާއި، ޑިފެންސް ލައިންގައިވެސް މިއަދު މައްސަލަތަކެއް ދިމާވިކަމަށެވެ. 

"މެޗްގައި ޑިފެންސް ލައިންގެ މައްސަލަތެއް އެބަހުރި، މެޗުން ބަލިވީ ގްރީން ސްޓްރީޓުން މޮޅަށް ކުޅުނީމަ، އެހެންނަމަވެސް ޓީސީއަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭނުން ނުކުރެވިދިޔަ. "ނިޒާމް ބުންޏެވެ

މެޗްގައި ގްރީން ސްޓްރީޓުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސޮބޯލް އިލިއާއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒުހާންއެވެ. ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީއެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރީންސްޓްރީޓް ވަނީ 13 ޕޮއިންޓާއެކު ލީގު ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. ޓީސީ އޮތީ 10 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނާގައެވެ. ނަމަވެސް ޓީސީއަށް ފުރަތަމަ ބުރުގައި އަދި އެއް މެޗު އެބައޮތެވެ.