ޚަބަރު

އެންޓިކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޕާރޓްނަރުންނާއެކު ސޮއިކޮށްފި


ކޮރަޕްޝަންގެ މައްސަލަތަކާމެދު މަޝްވަރާކޮށް ޢިލްމީ އަދި ތަންފީޒީ ނަޒަރަކުން އެ މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަންގަވައިގެން ބާއްވަވާ މަހާސިންތާގެ ޕާރޓްނަރުންނާއެކު އެކޮމިޝަނުން އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ އޮންނާނީ މިމަހުގެ 10 ން 11 ވަނަ ދުވަހަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މި މަހާސިންތާގެ ޕާރޓްނަރުންނާއެކު ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ. img:http://s4.psmnews.mv/images/660x400/14942436155786.jpg|އެންޓިކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް ޙަސަން ލުޠުވީ ވިދާޅުވީ، މި މަހާސިންތާގައި ކޮރަޕްޝަނުން ސަލާމަތް އަދި ނަޒާޙަތްތެރި މުޖުތަމަޢަކަށް ހެއްދެވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، ޤާނޫނަށް އިސްލާޙެއް ގެނަންޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14942436356871.jpg|އެންޓިކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް

އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޕާރޓްނަރުންނަކީ އޭސީސީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ، އެމްޑަބްލިއުއެސްސީ އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި މަހާސިންތާގެ ޕާރޓްނަރުން ވަނީ މި މަހާސިންތާއަކީ ކާމިޔާބު މަހާސިންތާއަކަށް ހެދުމަށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާއަކީ ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުމަށް ރާއްޖޭގައި އިލްމީ ނަޒަރަކުން ބާއްވާ ފުރަތަމަ މަހާސިންތާއެވެ. މި މަހާސިންތާގެ މަޝްވަރާތަކާއި ދިރާސާ ކަރުދާސްތަކުގެ ބައެއް ލައިވްތަކާއި ރެކޯޑިންގތައް ޕީއެސްއެމުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.