ކުޅިވަރު

ފޭދޫގައި އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ބިންގާ އަޅުއްވައިފި


އައްޑޫ ސިޓީ ފޭދޫގައި އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ބިންގާ އަޅުއްވައިފިއެވެ. ބިންގާ އަޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

އައްޑޫ ސިޓީ ފޭދޫ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށާއި، އެތަނުގެ ބިންގާ އެޅުމަށް، ފޭދޫގައި އަލަށް ހިއްކާފައިވާ ބިމުގައި  ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމާއި، ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު ދީދީ އާއި، ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ފޭދޫ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމް ކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ޔޫތްމިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ސްޕޯރޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ، ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމާއި، ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު ދީދީއެވެ.

މިރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް އަކީ ތަފާތު ކުޅިވަރުތައް ކުޅެވެނެ ވަސީލަތްތަކާއެކު ތަރައްޤީވެގެން އަންނާނެ ތަނެއްކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އައްޑޫސިޓީއަށް އެކަނިވެސް، ކުޅިވަރުގެ އެކި ވަސީލަތްތައް ޤާއިމްކުރެއްވުމަށް 65 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރައްވަފައިވާ ކަމަށް ވިދާޅުވިއެވެ.  މި އަހަރުވެސް އައްޑޫސިޓީގައި 11 ކޯޓެއް ހެދުމަށް ބަޔަކާ ޙަވާލުކުރައްވާފައިވާ ކަމަށާއި، އަންނަ އަހަރު މަރަދޫ ފޭދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރައީސް ޔާމީން ގެންދަވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވަމުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ، ވިދާޅުވީ، ފޭދުއަކީ، ކުޅިވަރުގެ ދާއިރާގައި މަޝްހޫރު ކުޅުންތެރިންތަކެއް އުފެދިފައިވާ ރަށެއް ނަމަވެސް ކުރީގެ ސަރުކާރުތަކުން ކުޅިވަރުގެ ރޮނގުން އެރަށް ބާކީ ކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ކުރި މަސައްކަތުން ފޭދޫއަށާއި އައްޑޫސިޓީއަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މެންބަރު ދީދީ ވިދާޅުވިއެވެ. މިއަދު ފޭދޫގެ ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެންނަމުންދަނީ، މުޅި ރާއްޖެއަށް އަންނަ ކުރިއެރުމާއި ތަރައްޤީ އެރަށަށް ވެސް އަންނާތީ ކަމަށް މެންބަރު ވިދާޅުވިއެވެ.

ފެދޫގެ ޒުވާނުން ބުނީ، މިއީ ވަރަށް އުންމީދު ކުރި ދުވަހެއް ކަމަށެވެ. އަދި މިކަމަކީ އެ ޒުވާނުންނަށް މުހިއްމު ކަމެއްގެ ގޮތުގައި އެމީހުން ސިފަކުރިއެވެ. ފޭދޫ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް ޤާއިމް ކުރުމަށް ވިމްލާ ކޮންސްޓްރަކްޝަނާ ޙަވާލު ކުރީ، 4.5 މިލިއަން ރުފިޔާއަށެވެ. މިތަން މި އަހަރުގެ އޮކްޓޯބަރގެ ނިޔަލަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.