ކުޅިވަރު

ޕާކިސްތާނާއި ދެކޮޅަށް ނިކުންނައިރު ކޯޗް ކަންބޮޑުވެފަ


އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ޕާކިސްތާނާ ދެކޮޅަށް ނިކުންނައިރު ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ކޯޗް އައިމިނަތު ހަލީމް (ދިލް) ފާހަގަކޮށްފިއެވެ.

ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި މާދަމާ ފަށާ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ފުރަތަމަ މެޗަށް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށާއި، އެންމެ ބޮޑު ކަންބޮޑުވުމަކީ ކެއުމުގެ މައްސަލަކަމަށެވެ. ދިވެހި ޓީމް ކޮރެޔާގެ ޖިއޮންޖޫއަށް ގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ޓީމް ތިބޭ ހޮޓަލުންވެސް އަދި ހޮޓެލް ހުރި ސަރަހައްދުންވެސް ހަލާލް ކެއުން ލިބުމުގައި ދަތިތަކެއް އުޅޭތީ އެކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ދިލް ބުނީ މި ދެ ދުވަހު ކެއުން މި ހަމަޖައްސަނީ ކޮރެޔާއަށް އައިރު ގެނައި ސާމާނުންކަމަށާއި، ވިހާވެސް އަވަހަށް ކެއުމުގެ ކަންކަން ހައްލުވާނެކަމަށް އުއްމީދުކުރާކަމަށެވެ.

މާދަމާ މުބާރާތް ފަށާއިރު، ކޮންމެ ޓީމަކަށްވެސް މެޗު ކުޅޭ ސްޓޭޑިއަމްގައި ޕްރެކްޓިސްކުރަން ލިބިފައިވަނީ އެންމެ ގަޑިއިރެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ފަރިތަކުރުންތަކަށްފަހު ކޯޗް ދިލް ބުނީ ޓީމްގައި ކޮންމެވެސްވަރަކަށް އަނިޔާގެ މައްސަލައުޅޭކަމަށެވެ. އަނިޔާގެ ސަބަބުން އެއް ކުޅުންތެރިއަކަށް މާދަމާގެ މެޗުގައި ނުކުޅެވުނަސް ބާކީ ތިބި އެގާރަ ކުޅުންތެރިން މެޗުގައި ބޭނުންކުރެވޭނެކަން ކޯޗު ފާހަގަކުރިއެވެ.

"ޓިމް އޮތީ ހިތްހަމަޖެހޭވަރަށް ތައްޔާރުވެފައި. އަނިޔާގެ މައްސަލަ ކުޑަކޮށް އުޅޭ. އަސްލު ޕާކިސްތާންގެ މާބޮޑު މައުލޫމާތެއް ނޭނގޭ، އެކަމަކުވެސް މެޗުން މޮޅުވުން އުއްމީދަކީ"

މީގެ އިތުރުން މުބާރާތް ކުޅެން ހަމަޖެހިފައިވާ ބޯޅަވެސް ބަދަލުވެފައިވާކަން ދިލް ފާހަގަކުރިއެވެ. ދިލް ބުނީ ރާއްޖޭގައި ޓީމް ފަރިތަކުރަމުންދިޔައީ މުބާރާތުގައި ކުރިން ބޭނުންކުރާނެކަމަށް ބުނި ބޯޅައިންކަމަށާއި، އެކަމަކު މިހާރު މުބާރާތުގައި ބޭނުންކުރަނީ އެހެން ބޯޅައެއްކަމަށެވެ. ބޯޅައަށް ހޭނެންވެސް ވަގުތު ނަގާނެކަމަށާއި އެކަަށީގެންވާ ވަގުތު އެއްވެސް ޓީމަކަށް ނުލިބޭކަމަށް ކޯޗް ދިލް ބުންޏެވެ.

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާއާއި އެއް ގްރޫޕެއްގައެވެ. ސްރީލަންކާގެ އިތުރުން ދެން ރާއްޖޭ އާއިއެކު ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާން، ހޮންކޮންގ އަދި ތައިލެންޑެވެ.