ޚަބަރު

މަސްތުވާތަކެއްޗަކީ ހުރިހާ ނުބައި ކަމެއްގެ ފެށުން- ހޯމް މިނިސްޓަރ


މަސްތުވާތަކެތީގެ ވަބާއަކީ ހުރިހާ ނުބައިކަމަކާ ނޭއްގާނީކަމުގެ ފެށުން ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީއާއި ޔުނިސެފް ގުޅިގެން މާލޭގެ ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަޒްލީން ވަނީ، މަސްތުވާތަކެތީގެ ވަބާގައި ހުރި ނުބައި ކަމާ އެކަމުން ދިވެހި ކިޔަވާ ކުދިން ސަލާމަތް ކުރުމަށް ޓީޗަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ ވޯކްޝޮޕެއް ބާއްވައިގެން މިފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ މުވައްޒަފުންނަށް މަސްތުވާތަކެއްޗާއި އެކަމުން ދަރިވަރުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ބައްދަލުވުންތަކެއް ބާއްވާނެކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީއާއި ޔުނިސެފް ގުޅިގެން މާލޭގެ ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ވޯކްޝޮޕުގެ މައިގަނޑު އެއް އަމާޒަކީ، ޓީޗަރުން މެދުވެރިކޮށް މި ޕްރޮގްރާމުގައި ކިޔަވައިދެވޭ މަޢުލޫމާތު މަސައްކަތުގެ މާހައުލުގައި ބޭނުން ކުރުމާއި އެކަމުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ. 

މި ވޯކްޝޮޕްގެ ނިމުން ފާހަގަކުރުމަށް އެންޑީއޭގައި ބޭއްވި ހަފްލާގައި، މި ވޯކްޝޮޕްގައި ބައިވެރިވި ޓީޗަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުއެވެ. މާލޭގެ ހުރިހާ ސްކޫލުތަކަކުން ހޮވާލެވޭ ލީޑިން ޓީޗަރުންނާއި ހެލްތު އެސިސްޓެންޓުންނާއި ކައުންސިލަރުންނަށް އަމާޒުކޮށްގެން ބޭއްވި މިވޯކްޝޮޕަކީ އެންޑީއޭއިން ކުރިއަށްގެންދިޔަ މިފަދަ ތިންވަނަ ވޯކްޝޮޕެވެ.