ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަމަހުގެ 1 ވަނަދުވަހާ ހަމައަށް އިތުރުކޮށްފިއެވެ. މިއީ ހައިކޯޓްގެ ދެފަނޑިޔާރުން މިދިޔަ އަހަރު ރިޓަޔަރ ކުރައްވާފައިވާތީ އެމަޤާމަށް 2 ފަނޑިޔާރުން ހޯއްދެވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ހުޅުއްވާލެއްވި މުއްދަތު އިތުރުކުރެއްވީ އެކަށީގެންވާ އަދަދަކަށް ފޯމް ހުށައަޅާފައިނުވާތީކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ކޯޓްތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެންވަނީ 9 ފަނޑިޔާރުންގެ މައްޗަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓަށް ފަނޑިޔާރުން ހޯއްދެއްވުމަށް ކުރެއްވި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޢުމުރުން 25 އަހަރުފުރި، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޤާނޫނީ ވަކީލުކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި 5 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައިވަނީ ހައިކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛް އައްބާސް ޝަރީފް ރިޓަޔަރ ކުރެއްވުމާ ގުޅިގެނެވެ.

ހައިކޯޓްގައި މިހާރު ތިއްބެވީ 7 ފަނޑިޔާރުންނެވެ. ކޯޓްތަކާބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާޙްގެ ދަށުން ހައިކޯޓުގެ ގޮފިތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރައްވަންޖެހެއެވެ. އުތުރު ގޮތްޕާއި، ދެކުނު ގޮފި ޤާއިމުކުރައްވާފައި ވީނަމަވެސް އުތުރު ގޮތްޕަށް ފަނޑިޔާރުން އަދި އައްޔަނު ކުރައްވާފައެއް ނުވެއެވެ. ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަނުކުރެއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިދިޔަމަހު އެކުލަވާލެއްވި ސަރކިއުލާގައި ވަނީ، ހައިކޯޓަށް އަލަށް އައްޔަންކުރައްވާ ފަނޑިޔާރުން އައްޔަންކުރާއިރު، ހައިކޯޓްގެ ގޮފިތަކުގައި ފަނޑިޔާރުން ހަމަނޫންނަމަ، އަލަށް އައްޔަންކުރައްވާ ފަނޑިޔާރުން އައްޔަނުކުރައްވާނީ ހައިކޯޓްގެ ގޮފިތަކުގެ ތެރެއިން ގޮތްޕަކަށް ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޢުލާނުގެ ދަށުން ހައިކޯޓަށް އައްޔަންކުރައްވާ ފަނޑީޔާރުން މަސައްކަތްކުރައްވާނީ ހައިކޯޓްގެ ގޮފިތަކުގެ ތެރެއިން ގޮތްޕެއްގައެވެ.

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރެއްވުމަށްފަހުގައި، ސުޕްރީމް ކޯޓްގެ ލަފަޔާއެކުއެވެ.