ތަރައްްޤީ

ކުޅުދުއްފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް!


އަންނަ އަހަރު ދައުލަތުގެ ބަޖެޓް އެކުލަވާލައްވާއިރު ހދ.އަތޮޅަށާއި، ޚާއްޞަކޮށް ކުޅުދުއްފުށީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ގެންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުއްދުއްފުށީގައި ހުންނަވާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވީ، ހދ.އަތޮޅުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ހިންގަވާފައިވާކަމަށެވެ. ނިހާންގެ ވާހަކަފުޅުގައި މިވަގުތުގެ ޕޮލިސީގައި އެންމެ އަވަހަށް ފަށާ ނިންމާނެ އެއަރޕޯޓަކީ ކުޅުދުއްފުށީ އެއަރޕޯޓްކަން ފާހަގަކުރެއްވިއެވެ. ނިހާން މިހެން ވިދާޅުވިއިރު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުވެސް ވަނީ ސިވިލްއޭވިއޭޝަން ދާއިރާ ބަލަހައްޓާ ވަޒީރުއްގެ ހައިސިއްޔަތުން ކުޅުދުއްފުށީ ރައްޔިތުންނަށް އެ ޔަޤީންކަން ދެއްވާފައެވެ.

ހދ. އަތޮޅުގެ ރައްޔިތުންގެ ޝަކުވާއަކަށްވެފައިވާ އެއަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅު ފެންވަރަކަށް ގެންދިއުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވާކަމަށް ނިހާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން އިންޓޭގްރޭޓެޑް ޓޫރިޒަމް މަޝްރޫޢު ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާންކޮށްފައިވާކަން ނިހާން ވަނީ ފާހަގަކުރައްވާފައެވެ. މިއީ މި އަތޮޅުގެ ރައްޔިތުންނަށް ފަހިވާނެ ފުރުޞަތުތަކެއް ކަމަށާއި، މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް މިކަމަށް ކުރައްވާނެކަމުގެ ޔަޤީންކަން ނިހާންދެއްވިއެވެ.

ނިހާން ވިދާޅުވީ، ޕީއެސްއައިޕީގެ މަޝްރޫޢުތައް ރެކޯޑް ޢަދަދަކަށް މި ސަރުކާރުން ހިމަނަމުން ގެންދާކަކަމަށާއި، އަންނަ އަހަރުވެސް ވެގެންދާނީ އެފަދަ ގިނަ މަޝްރޫޢުތަކެއް ރާއްޖެއިން ފެނިގެންދާނެ އަހަރަކަށްކަމަށެވެ.