ޚަބަރު

ޔާމީންގެ މަރުގެ މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި


ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. މީ ޔާމިން ރަޝީދުގެ މަރާއި ގުޅިގެން ހައްޔަރުކުރި ދެވަނަ މިހާއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޯމަދުވަހު ހައްޔަރުކުރި މީހާގެ ބަންދަށް ފަނަރަދުވަސް ކުރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދެއްވާފައެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހޯމަދުވަހު ހައްޔަރުކުރި މިހާ ހައްޔަރުކޮށްފައިވަނީ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނެނު ގެކައިރީގައި ހުންނަ ގެއަކުންނެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ޔާމީންގެ މަރުގެ ތުހުމަތުގައިކަމުގައި ވީނަމަވެސް ޔާމީން މަރާލުމުގައި މިމިހާގެ ބައިވެރިވުން އޮތީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރި މީހާ ދިރިއުޅޭ ގެވެސް ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ. ޕީއެސްއެމްގެ ނިއުސްއަށް އެނގިފައިވާގޮތުގައި އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ނެރުއްވި އަމުރުގައި ވަނީ މިދިޔަ މަހުގެ ތޭވީސްވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދުގެ ފަހަތުން އޭނައަށް ފާރަލުންގޮސް އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ތެރެއަށް ވަނުމުން ޔާމީން ހިފަހައްޓާ އޭނާއަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ޔާމީން ރަޝީދު މަރުވެފައިވާތީ މައްސަލައާއި ގުޅުން ހުރި ހެއްކާއި ޤަރީނާ ހޯދުމަށްކަމަށެވެ.

މި މައްސަލާގައި ފުލުހުން އަދ ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ޙަމަލާދިން މީހުން ދެނެގަނެވިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.