ދުނިޔެ

އިނގިރޭސިވިލާތުގެ ޕާލިމެންޓް އުވާލައިފި


އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައިފިއެވެ. 

އިނގިރޭސިވިލާތުގެ ޤާނޫނުތައް ބުނާގޮތުން ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އޮންނަ ތާރީޚުގެ ރަސްމީ 25 ދުވަސްކުރިން ޤާނޫނު ހަދާ މަޖިލިސް އޮޓޮމެޓިކުން އުވެއެވެ. އިނގިރޭސިވިލާތުގައި އަންނަ ޖޫންމަހުގެ 8 ވަނަ ދުވަހު ޢާއްމު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާއިރު، ރޭގެ ބާރަޖެހުމާއެކު އިނގިރޭސި ޕާލިމެންޓް ވަނީ އުވިފައެވެ. އަލުން ޕާލިމެންޓްގެ މަސައްކަތް ފަށަނީ އިންތިޚާބަށްފަހުއެވެ. އަދި ޤާނޫނު ހަދާ މަޖިލިސް އުވިފައިވާކަން، އިނގިރޭސި ބޮޑުވަޒީރު ރަސްމީކޮށް މިއަދު އިނގިރޭސި ރާނީއަށް އަންގަވާނެއެވެ. 

އަވަސް އިންތިޚާބަކަށް ގޮވާލާފައިވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސޭހަކުރުމަށްކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ވިދާޅުވިއެވެ. 

ޖޫންމަހުގެ 8 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޢާއްމު އިންތިޚާބު ބާއްވާއިރު، މިހާރުގެ ބޮޑުވަޒީރު ތެރީސާ މޭގެ ކޮންޒަވޭޓިވް ޕާޓީ އުޅެނީ އިދިކޮޅު ލޭބަރ ޕާޓީއާ އަޅާކިޔާއިރު މާބޮޑަށްވެސް ކުރީގައެވެ.