ޚަބަރު

ޔުނިވަރސަލް ފައުންޑޭޝަނުން ޖުވެލް ސެންޓަރަށް ތަކެތި ހަދިޔާކޮށްފި


ޔުނިވަރސަލް ފައުންޑޭޝަނުގެ ފަރާތުން، ޖުވެލް ސެންޓަރަށް ކިޔަވައިދިނުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ މިއަދު ހަވީރު އެ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރަކީ ޚާއްސަ އެޙީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ޚާއްސަކޮށްފައިވާ ސެންޓަރެކެވެ. ޔުނިވަރސަލް ފައުންޑޭޝަނުގެ ފަރާތުން ހަދިޔާކުރި ތަކެތި، އެސްކޫލާއި ހަވާލުކޮށްދެއްވީ ޔުނިވަރސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަޙީދުއެވެ. ޢިމާދުއްދީން ސްކޫލްގެ ފަރާތުން ތަކެއްޗާއި ހަވާލުވެވަޑައިގަތީ އެސްކޫލްގެ ޕްރިންސިޕަލް ވަފާ ވަޙީދުއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަޙީދު ވިދާޅުވީ މި ތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ކުދިންގެ ހުނަރުތައް ކުރިއެރުވުމަށް އެ ސްކޫލުން މަސައްކަތްކުރާނެ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14937405075257.jpg|ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ޖުވެލް ސެންޓަރަށް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ ސްކޫލަކީ ކުދިންނާއި އެކަށީގެންވާ ވަރަށް ޓީޗަރުން ތިބި ސްކޫލެއް. ދެން އަޅުގަނޑުމެންނަށް ބޭނުންވާ ވަޞީލަތްތަކަކީ ރާއްޖެއިން ލިބެން ހުންނަ ވަޞީލަތްތަކެއް ނޫން. އެހެންވީމާ މިއަދު މި ލިބުނު ތަކެއްޗަކީ ވަރަށް އަގުހުރި ހަދިޔާތަކެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން." ވަފާ ވިދާޅުވިއެވެ.

ޔުނިވަރސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒު ވަޙީދު ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އެކި ސްކޫލްތަކަށް އެހީތެރިވުމަކީ އެ ޖަމްޢިއްޔާއިން ޚާއްސަ އިސްކަމެއް ދޭ ކަމެއްކަމަށެވެ.

"އަޅުގަނޑުމެންގެ ޖަމްޢިއްޔާއިން މި އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދިނުމަށް މަގުފަހިކުރުމުގައި ޤައުމީ ފެންވަރުގައި ކުރެވެންހުރި ކަންކަން ބަލައި ކުރެވެން ހުރި ކަންކަން ކުރުން." އިޔާޒް ވިދާޅުވިއެވެ.

ޔުނިވަރސަލް ފައުންޑޭޝަނަކީ އިމާދުއްދީން ސްކޫލްގެ އެކި ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެކެވެ. އެގޮތުން ނިމުނު އަހަރު، އެ ސްކޫލްގެ ޓީޗަރުން ތަމްރީން ކުރުމަށްޓަކައި މެލޭޝިޔާގެ ޚާއްސަ ތަޖުރިބާކާރުން ގެނެސް އެ ޖަމްޢިއްޔާއިން ވަނީ ވޯރކްޝޮޕެއް ބާއްވާފައެވެ. އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގައި އަށްޑިހަ ހަތަރު ދަރިވަރުން މިވަގުތު ކިޔަވަމުންދެއެވެ.