ޚަބަރު

"ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ"


ކުޅުދުއްފުށީގައި ހަދަން ނިންމަވާފައިވާ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށްފަހު ނޫނީ ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި އެއަރޕޯޓެއްގެ މަސައްކަތެއް ފެށްޓެވުމުގެ ވިސްނުންފުޅު ސަރުކާރުން ނުގެންގުޅުއްވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވައިގެން ބައްލަވާ އެއްކަމެއްގެ ގޮތުގަ ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ލަސްވަމުންދާ މައްސަލަ ހިމެނޭކަމަށެވެ. އެހެންކަމުން މިވަގުތު ސަރުކާރުގެ ވިސްނުންހުރީ ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ފެށްޓެވުމަށްފަހު ނޫނީ އަލަށް އިތުރު އެއަރޕޯޓެއް ހެދުމުގެ މަސައްކަތް ނުފެށްޓެވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭވިއޭޝަންގެ ދާއިރާވެސް ބަލަހައްޓަވާ ވަޒީރުގެ ޙައިސިއްޔަތުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް އީ.އައި.އޭ ހެދި ކޮންސަލްޓެންޓް، އީ.އައި.އޭ ރިޕޯޓު އަންނަ އާދީއްތަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅާނެ ކަމުގެ ޔަޤީންކަން ދީފައިވާކަމަށެވެ. އެހެން ކަމުން އަންނަ ހަފްތާގައި އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ތަކެތި ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފަށާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14891525244362.jpg|ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު- ކުޅުދުއްފުށި އެއަރޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ވިދާޅުވި

މިނިސްޓަރ ޒަމީރު ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް ނިމުމާއިއެކު އެތަންނު އިޤްތިސާދީގޮތުން ލިބެންޖެހޭ ނަފާ ހޯދުމަށްވެސް އެންމެ އެކަށޭނަ ގޮތްތައް ސަރުކާރުން ހަމަޖައްސަވާނެކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ފަށްޓަވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްއަށް، އެސަރަހައްދުން ކަނޑައެޅޭ ރަށްތަކެގައި ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިންމަނިކު ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާކަން، ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އެހެން ނަމަވެސް، ސީދާ ތާރީޚެއް ކަނޑައަޅައި އާންމު ނުކުރި ނަމަވެސް ކުޅުދުއްފުށީގެ އެއަރޕޯޓުގެ މަސައްކަތް އިތުރަށް ލަސްނުވެ ފެށޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އުތުރުގެ އިޤްތިސާދީ މައި ހަބެއްގެ ގޮތުގައި ކުޅުދުއްފުށި ހެއްދެވުމަށް އެރަށުގައި އެއަރޕޯޓެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ވަޢުދެކެވެ.