ޚަބަރު

މީރާއިން 13 ފަރާތެއްގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިފި


ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކުރައްވާފައިވާ ރަށްރަށުން ނުވަތަ ބިންބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މިދިޔަ މަހު ޝަރީޢަތަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.

މީރާއިން ޝަރީޢަތަށް ފޮނުވާފައިވާ 13 ފަރާތް:

1 - ނ. ރާފުށި ކުއްޔަށް ހިފާފައިވާ - އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް

2 - ތ. ކަޅުފަހަލަފުށި ކުއްޔަށް ހިފާފައިވާ އޭޝިއާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް

3 - ބ. ކިހާދުއްފަރު ކުއްޔަށް ހިފާފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް 

4 - އދ. ތެލުވެލިގާ ކުއްޔަށް ހިފާފައިވާ ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް

5 - ހދ. ހަނިމާދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑް

6 - އއ. މަޑޫގަލި ކުއްޔަށް ހިފާފައިވާ ބްލޫ ލެގޫން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް

7 - ހއ. ބީނާފުށި ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

8 - ހއ. އަލިދޫ ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 

9 - ލ. ކައްދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް

10 - ތ. އެލާ ކުއްޔަށް ހިފާފައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

11 - މ. މެދުފުށި ކުއްޔަށް ހިފާފައިވާ މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

12 - ފ. ފިލިތެޔޮ ކުއްޔަށް ހިފާފައިވާ ތްރީ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 

13 - ހދ. ކުޑަމުރައިދޫ ކުއްޔަށް ހިފާފައިވާ ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް



މީގެ އިތުރުން އަލްމަރުޙޫމް އަޙުމަދު ވަހީދަށް ކުއްޔަށް ދޫކޮށްފައިވާ ރ. މާމިގިލީގެ ކޭސް ވަނީ މައްސަލަ ރައްދުވާ ފަރާތް ނިޔާވެފައި ވާތީ އަދި ސިވިލް ކޯޓުގައި ރެޖިސްޓްރީ ނުކުރެވިކަމަށް މީރާއިން ވިދާޅުވެއެވެ. 

މީރާއިން ޝަރީޢަތަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން، ބ. ކިހާދުއްފަރު، އދ. ތެލުވެލިގާ، އއ. މަޑޫގަލި، ހއ. އަލިދޫ، މ. މެދުފުށި އަދި ފ. ފިލިތެޔޮ، ރ. މާމިގިއްޔަކީ، ރިޒޯޓް ތަރައްޤީކޮށް ހިންގަމުން ގެންދާ ރަށްރަށެވެ. އަދި ހދ. ހަނިމާދޫ އިން ދޫކޮށްފައިވާ ބިމުގައި ސިޓީ ހޮޓަލެއް ވެސް ދަނީ ހިންގަމުންނެވެ.

މީރާއިން ވިދާޅުވީ މި މައުލޫމާތު އިއްޔެ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ފަތުރާފައިވަނީ ކަމުގެ މައުލޫމާތު ރަގަޅަށް އޮޅުން ނުފިލުވައި، ވަކި ފަރާތެއްގެ މައްސަލައެއްގެ ގޮތުގައި، ޙަޤީޤަތް އޮޅޭގޮތަށްކަން ފާހަގަކުރެވޭކަމަށެވެ. ރަނގަޅަށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް މީރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ޓޫރިޒަމް ބިމު ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއް އަނބުރާ ގެންދެވޭނީ އެ ފައިސާ ދެއްކުމުން ނުވަތަ ފައިސާ ދައްކާނެ ގޮތަކާމެދު މީރާ އާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ  އެ ފައިސާ ދައްކަންޖެހުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރުން ނުވަތަ އެއީ، އެ ވަގުތަކަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ކުލީގެ އެއްބަސްވުމަށް އެ ފަރާތާއި ދިވެހި ސަރުކާރުން ބަދަލު ގެނައުމުންކަމަށް މީރާއިން ވިދާޅުވެއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ މީރާގެ ޤާނޫނީ ޒިންމާއެއްކަމަށާ، އެ ފައިސާ ހޯދުމުގައި އެ އޮތޯރިޓީން ޢަމަލު ކުރަމުންދަނީ އެ އޮތޯރިޓީގެ އެންފޯސްމެންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންކަމަށްވެސް މީރާއިން ވިދާޅުވެއެވެ.