ޚަބަރު

"ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ވަނީ މަދުކުރެވިފައި"


ދަށު ކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަމަށް ޝަރުޢީ ދާއިރާއިން ހާމަކުރައްވައިފިއެވެ.

ޝަރުޢީ ދާއިރާއިން ޢާންމުކޮށްފައިވާ ދަށުކޯޓުތަކުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި، ޝަރުޢީ ކޯޓުތަކުގެ ތެރެއިން ދަށު ކޯޓުތަކުގައި ހުރި އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް ހުރީ 12 އިންސައްތާގައެވެ. އެހެންކަމުން މިހާރު ކޯޓުތަކުގައި ހުރި ޖުމްލަ މައްސަލަތަކުގެ ތެރެއިން އަށްޑިހަ އަށެއް، އިންސައްތަ މައްސަލައަކީ އަހަރުދުވަސް ނުވާ މައްސަލަތަކެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު އެއް އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު އުޅެނީ 961 ގައެވެ. މިއީ މިދިޔައަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިދިޔައަހަރު ފުރަތަމަ ކުއާޓާގައި މިޢަދަދު އުޅެނީ 1379ގައެވެ.

ކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަތައް ނިންމެވުމަށް ކުރައްވާ މަސައްކަތަކުގެ ތެރޭގައި، ސުޕީރިއަރ ކޯޓްތަކުން މަހުންމަހަށް ވަކި ޢަމާޒުތަކެއް ކަނޑައަޅުއްވައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މެޖިސްޓްރޭޓް ކޯޓްތަކުގައި ނުހިމިހުރި މައްސަލަތައް ނިންމެވުމަށް ޝަރުޢީ ވަފްދުތައް ފޮނުއްވައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދުވެސް އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.