ދުނިޔެ

ސަޢުދީ ޢަރަބިއާއިން 42 ހަނގުރާމަވެރިޔަކު ހައްޔަރުކޮށްފި


ސަޢުދީ ޢަރަބިއާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް އެއް މިސްކިތް ކަމަށްވާ މަސްޖިދުލް ނަބަވީ ކައިރީގައި މިދިޔަ އަހަރު ދިން ބޮމުގެ ޙަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ 42 ހަނގުރާމަވެރިން އެޤައުމުގެ ދާޚިލީ ވުޒާރާއިން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ދިން މިޙަމަލާގައި 5 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. މިއީ މަސްޖިދުލް ނަބަވީއަށް ޢަމާޒުކޮށް ފަހުގެ ތާރީޚެއްގައި ދިން އެންމެ ވަރުގަދަ ޙަމަލާގެ ގޮތުގައި ސަޢުދީ ޢަރަބިއާއިން ވަނީ ބުނެފައެވެ.

މިޙަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ސާޅީސް ދެ ހަނގުރާމަވެރިންގެ ތެރޭގައި ސަޢުދީ ޢަރަބިއާގެ އިތުރުން ބޭރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ސަޢުދީ ޢަރަބިއާގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. މިމީހުން ހައްޔަރު ކޮށްފައިވަނީ ސަޢުދީ ޢަރަބިއާގެ ވެރިރަށް ޖިއްދާއިން ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

މަދީނާގައި ދިން މި ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އަދި ހައްޔަރު ކޮށްފައިވާ ހަނގުރާމަވެރިންނަކީ ކޮން ޖަމާޢަތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމެއް ސަޢުދީ ޢަރަބިއާގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގައި ޙަރަކާތްތެރިވަމުންދާ އައި.އެސް ޖަމާޢަތުގެ ހަނގުރާމަވެރިން ފާއިތުވި އަހަރުތަކުގައި ސަޢުދީ ޢަރަބިއާގައި ދީފައިވާ ބޮމާއި ބަޑީގެ ޙަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.