ވިޔަފާރި

ޒަމާނީ ވަސީލަތްތަކާއެކު އެމްޓީސީސީގެ ޚިދުމަތް ފުޅާކުރަނީ!


އެމްޓީސީސީގެ ފެރީގެ ޚިދުމަތް ބޭނުންކުރާ ފަސިންޖަރުންނަށް ފެރީ އުޅަނދުފަހަރު ދަތުރުކުރަމުންދާގޮތް ފަސޭހައިން ބަލާލެވޭނެ ޒަމާނީ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، "ފަހި ދިރިއުޅުމަކަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް" މިނަމުގައި އެމްޓީސީސީން ރޭ ބޭއްވި ހަފްލާގައި އެކުންފުނީގެ ޗެއަރމަން އަޙްމަދު ނިޔާޒް ވިދާޅުވީ ފެރީ އުޅަނދުފަހަރު ދަތުރުކުރަމުންދާގޮތް ފަސޭހައިން ބަލާލެވޭނެ ޒަމާނީ ނިޒާމެއްގެ އިތުރުން، އޮންލައިންކޮށް ދަތުރުފަތުރު ރާވާލެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ ފެރީ ޚިދުމަތުގެ އަގު ވީހާވެސް ކުޑަކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޗެއަރމަންގެ ވާހަކައިގައި، މިހާރު ކޮންމެ 30 މިނެޓަކުން ދެމުންގެންދާ ޕްރީމިއަމް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެކުރިން ކޮންމެ 15 މިނެޓަކުން ދަތުރެއް ބޭއްވޭވަރަށް އަވަސްވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ބޭނުންކުރާ ދަތުރުކާޑު ކައިރި މުސްތަގުބަލެއްގައި އެމްޓީސީސީގެ ހުރިހާ ޚިދުމަތަކަށް ވެސް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ އެޗްޑީސީ ޕާރކު ކުރިމަތީގައި ރޭ ބޭއްވި ހަފްލާގައި އެމްޓީސީސީއިން ފެރީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަލަށް ގެނެސްފައިވާ ފެރީތަކާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ފުޅާކުރުމުގެގޮތުން އަލަށް ތައާރަފުކުރާ އިތުރު ވެހިކަލްތަކާއި، މެޓްރޯ ބަސްފްލީޓަށް އަލަށް ގެނެވުނު ބަސްތައް ދައްކާލާފައިވެއެވެ.

އެމްޓީސީސީގެ ފެރީލިންކުގެ ޚިދުމަތަށް މިއަހަރު އަލަށްގެނެވުނު ފެރީތަކުން ކުރިއަށްވުރެ އިތުރަށް 253 މީހުން އެއްފަހަރާ އުފުލޭނެކަމަށާއި، އަލަށް ގެނެވުނު ބަސްތަކުގައި އެއްފަހަރާ 88 މީހުން އުފުލޭނެކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އަދި އަލަށް ފްލީޓަށް އިތުރުކުރެވުނު ވެހިކަލްތަކުގެތެރޭގައި 4 މީހުންނާއި 11 މީހުންނާއި 44 މީހުން އުފުލޭ ވެހިކަލްތައް ހުންނާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.