ޚަބަރު

"ސްޓެލްކޯ ފެން" އިފްތިތާޙުކޮށް، ވިއްކަން ފަށައިފި


"ސްޓެލްކޯ ފެން" އިފްތިތާޙުކޮށް، ޢާއްމުންނަށް އެ ފެން މިއަދު ވިއްކަން ފަށައިފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި "ސްޓެލްކޯ ފެން" އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ، ތާރިޤް އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝުކޫރު ސާލިޙުއެވެ. އިންޖީނުގެ ހޫނުން އުފެދޭ ފެން، ބޯފެނުގެ ގޮތުގައި ފުޅީގައި ބަންދުކޮށްގެން ސްޓެލްކޯއިން ބާޒާރަށް ނެރެފައިވާ، މި ފެނަކީ ތިމާވެއްޓާ ރަށްޓެހިގޮތަކަށް ތައްޔާރުކުރާ ފެނެކެވެ. 

"ސްޓެލްކޯ ފެން" މި ނަމުގައި ތަޢާރަފްކޮށްފައިވާ މި ފެން ލިބެން ހުންނާނީ ފަސް ސައިޒެއްގެ ފުޅީގައެވެ. އެއީ، 330 އެމްއެލް، 500 އެމްއެލް، އެއް ލީޓަރ، 1.5 ލީޓަރ، 5 ލީޓަރ، ފުޅިއެވެ.

img:http://s2.psmnews.mv/images/660x400/14935548852010.jpg|ސްޓެލްކޯއިން ތަޢާރަފްކުރި "ސްޓެލްކޯ ފެން"ގެ ބޮޑު ފެންފުޅިއެއް / މީގެ އެކި ސައިޒްތައް ލިބެން ހުންނާނެ - ފޮޓޯ: ޕީއެސްއެމް

ސްޓެލްކޯ ފެން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ވަނީ ސްޓެލްކޯއަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެކުންފުނިން މިއަދު ތަޢާރަފްކުރި ފެނަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް އުފައްދާ ފެން ކަމަށްވާއިރު، ފެން ބަންދުކޮށްފައިވާ ފުޅިތައް ހުސްވުމުން ރިސައިކަލް ކުރެވޭނެ ނިޒާމެއްވެސް އެކުންފުނިން ޤާއިމްކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ފެން ބޮއެފައި، ފެން ފުޅިތައް އެއްލާލާފައި ހުންނަ ތަން ފެނޭ. މީގެ ސަބަބުން ތިމާވެއްޓަށްވެސް ގެއްލުން ވޭ، އެހެންކަމުން މިތައާރަފްކުރި ފެން ފުޅިތައް ރިސައިކަލް ކުރެވޭނެ ގޮތެއް ހަމަޖެއްސުން މުހިއްމު." މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14935549323855.jpg|"ސްޓެލްކޯ ފެން" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ސްޓެލްކޯއިން ދަނީ އެ ކުންފުނިން ވިއްކާ ފެނުގެ ހުސްފުޅި ރިސައިކަލް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯ ފެނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު ޞާލިޙް ވިދާޅުވީ ފާއިތުވި ފަންސަވީސް އަހަރުދުވަހު ސްޓެލްކޯގެ މުވައްޒަފުން ބޯން ބޭނުންކުރަމުން އައީ މި ފެން ކަމަށެވެ. އަދި މި ފެނަކީ ވަރަށް ސާފު ވަރަށް ކޮލިޓީ ފެނެއް ކަމަށްވެސް ޝުކޫރު ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މުވައްޒަފުން މިހާދުވަސް ވަންދެން ބޯން ބޭނުންކުރަމުން އައިސްފައިވަނީ މިފެން، މި ފެނަކީ ވަރަށް ސާފު އަދި ވަރަށް ކޮލިޓީ ފެނެއް." ޝުކޫރު ވިދާޅުވިއެވެ.

މި ފެން ވިއްކުމަށް ހަމަޖެހިފައިވަނީ ހޯލްސޭލްކޮށްކަމަށް ސްޓެލްކޯއިން ބުނެއެވެ. ސެޓެލްކޯއިން މިހާރުވަނީ ފެން ވިއްކާނެ އަގުތައް ސޯޝަލް މީޑިއާގައިވެސް އާއްމުކޮށްފައެވެ. ސްޓެލްކޯ ފެން ގަންނަ ކޮންމެ 10 ކޭހަކުން އެއް ކޭސްފެން ހިލޭ ލިބޭނެ ކަމަށާއި 20 ކޭހަށް ވުރެ ގިނައިން ނަގާ ނަމަ ހިލޭ ގެންގޮސްދޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.