ޚަބަރު

"އިންޓަރނޭޝަނަލް ރިސަރޗް ކޮންފަރެންސް" އެއް ބާއްވަނީ!


ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް ރިސަރޗް ކޮންފަރެންސް ބޭއްވުމުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށްޓަވައިފިއެވެ. 

"ތެވެލި 2017 " މިނަމުގައި މިކޮންފަރެންސް ބާއްވަވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ދޭކުން ތިނަކަށް ޤައުމީ ޔުނިވަރސިޓީގައެވެ. މިކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ '' ޓުވާރޑްސް ސަސްޓެއިނަބަލް ސޮސައިޓީ ''އެވެ.

ޤައުމީ ޔުނިވަރސިޓީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ، މަލްޓި ޑިސިޕިލިނަރީ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދިރާސާކުރައްވާ އެބޭފުޅުންގެ ކަރުދާސްތައް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުއްވާއްލައްވާފައިވާކަމަށެވެ. 

މިފަދަ ކޮންފަރެންސެއް ބޭއްވެވުމުގެ އެންމެ ބޮޑު ބޭނުމަކީ، ދިރާސާކުރައްވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދެއްވައި، ޢިލްމު ފުޅާކުރެއްވުން ކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ. މި ކޮންފަރެންސްގައި ދިރާސާކުރެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭއާ ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާތަކަށް އިސްކަންދެއްވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިކޮންފަރެންސަށް ދިވެހި، އަރަބި ، އިނގިރޭސި ބަހުން ކަރުދާސް ހުށަހެޅުމުގެ ފުރޞަތު އޮންނާނެކަމަށް ޤައުމީ ޔުނިވަރިސޓިން ހާމަކުރައްވައެވެ. ކަރުދާސް ހުށަހެޅުމަށް ހުޅުވާލާފައިވާ ބައެއް ދާއިރާތަކުގެ ތެރޭގައި، ޕޮލިޓިކްސް، ޕޮލިސީ، ލޯ އެންޑް ގަވަރނަންސް، ބިޒްނަސް މެނޭޖްމަންޓް، ޓޫރިޒަމް ހޮސްޕިޓަލިޓީ، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ، ރިލިޖަން، އާރޓް އެންޑ ކަލްޗަރ، ހިމެނެއެވެ.

މިކޮންފަރެންސްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިކަމާ ގުޅޭ މަޢުލޫމާތު ޤައުމީ ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.