ތަޢުލީމު

ޓީޗިންގ ޓިއުބް ރަސްމީކޮށް އިފްތިތާހް ކޮށްފި


އޮންލައިންކޮށް ތަޢުލީމް ޙާސިލް ކުރެވޭނެ މަގު ތަނަވަސްކޮށްދޭ ވެބްސައިޓެއް ކަމަށްވާ، ޓީޗިންގ ޓިއުބް ރަސްމީކޮށް އިފްތިތާހް ކުރައްވައިފިއެވެ.

ރާއްޖޭގައި ތަޢުލީމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިލެންޑާސް އެޑިއުކޭޝަނުން ތަޢާރަފްކުރި މި ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ.

އައިލެންޑާރސް އެޑިއުކޭޝަނުން ތަޢާރަފްކުރި ޓީޗިންގ ޓިއުބް ވެބްސައިޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ކިޔެވޭނެކަމަށް އެކުންފުނިން ބުނެއެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަޢާރަފްކުރި ފުރަތަމަ ވެބްސައިޓެވެ.

މި ވެބްސައިޓް އިފްތިތާހް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އައިލެންޑާރސް އެޑިއުކޭޝަނުންވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކުރައްވަމުން ގެންދަވާ އިޖްތިމާޢީ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި އެކަމަނާގެ ޝަރަފްގައި 100 ކުއްޖަކަށް ޓީޗިންގ ޓިއުބް މެދުވެރިކޮށް އެއް އަހަރު ދުވަހު ހިލޭ ކިޔެވޭނެ ވައުޗަރއެއްވެސް ތަޢާރަފް ކުރައްވާފައެވެ.

ޓީޗިންގ ޓިއުބް މެދުވެރިކޮށް ޕްރައިމަރީން ފެށިގެން އޯލެވެލް، އޭލެވެލް އަށް އޮންލައިންކޮށް ތަޢުލީމް ޙާސިލް ކުރެވޭނެކަމަށް އައިލެންޑާރސް އެޑިއުކޭޝަނުން ބުނެއެވެ. އައިލެންޑާރސް އެޑިއުކޭޝަންގެ އެގްޒެގެޓިވް ޑައިރެކްޓަރ އީދާން ރަޝީދު ވިދާޅުވީ، ވެބްސައިޓު މެދުވެރިކޮށް ދަރިވަރުން އަމިއްލައަށް ރަޖިސްޓަރކޮށް ތަފާތު ކޯސްތަކަށް އެޕްލައިކުރެވޭނެ ކަމަށެވެ.

ޓީޗިންގ ޓިއުބް ޑޮޓް ކޮމް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ވެބްސައިޓުގެ ޓެލެކޮމް ޕާޓްނަރ، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ޓެކޮންލޮޖީގެ ގޮތުން ރާއްޖެ ކުރިއަރަމުންދާއިރު، މިފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންނަށް އުނގެނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ޓީޗިންގ ޓިއުބަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަ ޓީޗިންގ ޓެކްނޮލޮޖީއެކެވެ. ރާއްޖޭގައި ތަޢުލީމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިލެންޑާސް އެޑިއުކޭޝަނުން،  ރާއްޖޭގެ 7 ރަށެއްގައި ސްކޫލް ހިންގަމުން ގެންދެއެވެ.