ޚަބަރު

އާރު.އޯ.އެލްއާއެކު ޕީއެސްއެމްއިން އެއްބަސްވުމެއްގައި ސޮއިކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ރާއްޖޭގެ ރައްޔިތުންނަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށްޓަކައި، ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް، ރާއްޖެއޮންލައިނާއެކު އެބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ރޭޑިއޯ ބިލްޑިންގގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. ރާއްޖެ އޮންލައިންގެ ފަރާތުން ސޮއި ކުރެއްވީ، ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ރިޔާޒްއެވެ.

img:http://s3.psmnews.mv/images/660x400/14933896746365.jpg|އާރު.އޯ.އެލްއާއެކު ޕީއެސްއެމްއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، މާލެއާ އަތޮޅުތެރޭގައި މިހާރު އޮޕަރޭޓްކުރާ ކޭބަލް ނެޓްވާކްތައް ޕިއެސްއެމްގެ ކޭބަލް ޓީވީގެ ޚިދުމަތާއި ބައިވެރިވުމަށް ޝައުވެގެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް މީގެ ދުވަސްކޮޅެއްކުރިން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށެވެ. މި އިއުލާނާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ޕީއެސްއެމްއާ ގުޅިގެން ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށާއި، މިއަދު ސޮއިކުރި ރާއްޖެއޮންލައިނަކީ، މީގެ ތެރެއިން އެއް ފަރާތްކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ. މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ވަރަށް އަވަހަށް ކޭބަލް ޓީވީގެ ޚިދުމަތް ޓެސްޓް ކުރުމުގެ ގޮތުން ޚިދުމަތް ފަށްޓަވާނެ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14933897144023.jpg|އާރު.އޯ.އެލްއާއެކު ޕީއެސްއެމްއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އާރުއޯއެލްގެ ސީއީއޯ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެ އޮންލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ރިޔާޒް ވިދާޅުވީ، ރާއްޖެ އޮންލައިންގެ ކޭބަލް ނެޓްވާރކް ތެރެއިން ޕީއެސްއެމްއިން ދެއްވާ ކޭބަލް ޓީވީގެ ޚިދުމަތް ވެގެންދާނީ، އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދޭ ޚިދުމަތަކަށް ކަމަށެވެ. 

މިއަދު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެ އޮންލައިގެ އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް، ކޭބަލްޓީވީގެ ޚިދުމަތް ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށްޓަކައި، ޕީއެސްއެމްއަށް ދޭންޖެހޭ އެއްބާރުލުން ދިނުމެވެ.