ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާ އުފާވެރި މަންޒަރު ވަރަށް އަވަހަށް ރައްޔިތުންނަށް ފެނިގެންދާނެކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ،މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރުމަށްޓަކައި ޤާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ފަހު މަރުހަލާ ކަޑައްތު ކުރަމުން އަންނަ ކަމުގައެވެ. އަދި މިއީ އުތުރުގެ ރަށްތަކުގެ ސިއްޚީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެއެވެ. އަދި އެގްރިމެންޓް ފައިނަލް ކުރައްވާތާ، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި، އެތަން ޓާރޝަރީ ފެންވަރަށް ބަދަލުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަކީ މިހާރު 50 އެނދުގެ ހޮސްޕިޓަލެކެވެ. އިންޑިއާގެ ނިމްސް ސިޓީއާ ހަވާލު ކުރައްވައިގެން އެތަން ތަރައްޤީ ވެގެން އަންނައިރު އެތަނުން، އެމްއާރް އައިގެ ޚިދުމަތާއި، ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމުގެ ޚިދުމަތާއި، ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.
އައްޑޫ ސިޓީގައި ތަރައްޤީކުރައްވާ 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމަށް އައްޑޫ ކޮންވެޝަން ސެންޓަރު ތައްޔާރު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި އެލިއާ ކޮންސްޓްރަކްޝަނާ ސަރުކާރުންވަނީ ހަވާލު ކުރައްވާފައެވެ.