ރިޕޯޓް

"ކޮރަޕްޝަން އޮތީ ކޮންކަމެއްގައިކަން ބުނެދޭންޖެހޭ"


ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ، ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް ކޮރަޕްޝަން އޮތީ ކޮން ކަމެއްގައިކަން އެފަރާތްތަކަށް ބުނެނުދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތަކަކީ ހުރިހާ ސަރުކާރަކުންވެސް އެކަމަށް އިޖާބަދީގެން ބަލަންޖެހޭނެ ކަންކަން ކަމަށާއި އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުން ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ އެތައް މައްސަލައެއް މިހާރުވެސް އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެކަންކަމާ ކުރިމަތިލައި، ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި، މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރިނަމަ އެހެން ބުނާ ފަރާތްތަކުން ކޮރަޕްޝަންގެ މައްސަލަތަކޭ ބުނުމުގެ ބަދަލުގައި އެކަމުގެ ތަފްޞީލު ހާމަކުރަންޖެހޭކަމަށެވެ. 

ރައީސް ވިދާޅުވީ ކޮންމެ ތަނެއްގައި، ކޮންމެ ސަރުކާރެއް ހިނގާއިރުވެސް ކޮންމެވެސް މިންވަރަކަށް އެކި ބާވަތުގެ ގޯސް ކަންތައްތައް ހުންނާނެކަމަށާއި، ނަމަވެސް އެއްބަޔަކު އަނެއް ބަޔަކާ ތަފާތުކުރާނެ ގޮތަކީ އެ މައްސަލަތައް ޙައްލުކުރަން ކުރާ މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބައެއް އިދިކޮޅު ފަރާތްތަކަށް މި ސަރުކާރުގެ އުޞޫލުތައް ކަމުނުދަނީ، އެކިއެކި ކަންކަމާ ސަރުކާރުން ކުރިމަތިލައި، ވަކި ފަރާތަކަށް ނުބަލައި ފިޔަވަޅު އަޅަމުން ގެންދާތީކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހި ހުރިހާ ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއި، އެންމެންނަށް ހަމަހަމަ އިންސާފެއް ޤާއިމްވެގެން ދިއުންކަމުގައިވެސް ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެކިއެކި މަޤާމުތަކުގައި ތިބޭ މީހުންނަކީ އަބަދުވެސް ބަދަލުވާ ބައެއްކަމަށާއި، އެ ފަރާތްތައް އެ މަޤާމުތަކަށް ފުދޭނީވެސް އެކި މިންވަރަށް ކަމުގައި ބަޔާންކުރެއްވައި، ދައުލަތުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އޮތްކަމަށްވާނަމަ ޤައުމު ކުރިއަށް ދާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހަރުދަނާ ނިޒާމެއް ޤާއިމްވެފައި އޮތުންކަން ފާހަގަކުރައްވައި، ދިވެހި މުޖުތަމަޢުގައި ޙައްލުކުރަންޖެހިފައިވާ މުހިއްމު ބައެއް ކަންކަން ޙައްލުކުރުމާ ބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.