ޚަބަރު

ހުޅުމާލޭގައި 2 ޝޮޕިންގ ކޮމްޕްލެކްސް އެޅުމަށް ބަޔަަކާ ހަވާލުކޮށްފި


ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ޝޮޕިންގ ކޮމްޕްލެކްސްއެއް އެޅުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގައި ވަކި ވަކިން އޮތް 2 ރަސްމިއްޔާތުގައި މި 2 ޝޮޕިންގ ކޮމްޕްލެކްސް އެޅުމަށް ހަވާލުކޮށްފައިވަނީ، ސޮނީ ހާރޑްވެއާރ އާއި ހުރަވަޅި ބީޗް ރިޒޯޓް އިންވެސްޓްމެންޓާއެވެ.

ސޮނީ ހާރޑްވެއަރއާ ހަވާލުކޮށްފައިވަނީ، ހުޅުމާލޭގެ ރެހެންދި ސްކޫލް ހުރި ސަރަހައްދުގައި 6 ބުރީގެ ޝޮޕިންގ ކޮމްޕްލެކްސްއެއް އެޅުމަށެވެ. މި ޝޮޕިންގ ކޮމްޕްލެކްސްއަކީ، ހާރޑްވެއަރ ސާމާނުތަކަށް ޚާއްސަ ތަނެކެވެ.

މި އެއްބަސްވުމުގައި ސޮނީ ހާރޑްވެއަރގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ކަލީމެވެ.

ހުރަވަޅި ބީޗް ރިޒޯޓް އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ، ހުޅުމާލެ ފެރީ ޓާރމިނަލްގެ އުތުރުން އޮންނަ ސަރަހައްދުގައި ތަފާތުވަސީލަތްތަކާއެކު ޝޮޕިންގ ކޮމްލެކްސްއެއް އެޅުމަށެވެ. 

މިތަނުގައި ޗޭންޖިންގ ރޫމާއި، ނަމާދުކުރުމަށް ޚާއްސަތަނަކާއި، އޭޓީއެމްގެ ޚިދުމަތާއިއެކު ފްރީ ވައިފައިވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/14933210405512.jpg|ހުޅުމާލޭގައި ޝޮޕިންގ ކޮމްޕްލެކްސް އެއް އެޅުމަށް ހުރަވަޅި ބީޗް ރިޒޯޓް އިންވެސްޓްމެންޓާ ޙަވާލުކުރަނީ -

މި ދެ އެއްބަސްވުމުގައިވެސް އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަނެވެ. އަންނަ އަހަރު މެދުތެރޭގައި މި ދެ މަޝްރޫޢުވެސް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

ފާއިތުވެދިޔަ ތިން އަހަރަކީ ހުޅުމާލޭގައި ވިޔަފާރީގެ އެކި ވަސީލަތްތައް ފުޅާވަމުން އައި ތިން އަހަރުކަން ފާހަގަކޮށްލެވެއެވެ.