ކުޅިވަރު

ޕްރިމިއަރ ލީގުގެ ޓީމަކަށް ސަންޗޭޒް ނުވިއްކާނަން - ވެންގަރ


ޕްރިމިއަރ ލީގުގެ ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާ ނުލާނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނެފިއެވެ. 

ވެންގަރ މިހެން ބުނެފައިމިވަނީ ޕްރިމިއަރ ލީގުގެ މެންޗެސްޓާރ ސިޓީން އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ހޯދަން މަސައްކަތްކުރަމުންދާކަމަށް މީޑީޔާތަކުގައި ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ވަނީ ސަންޗޭޒް ފަދަ ކުޅުންތެރިއަކު އެކްލަބަށް ގެންނަށް ޖެހިލުން ނުވާނެކަމަށް ބުނެފައެވެ. 

އާސެނަލްގެ ކޯޗް އާސެން ވެންގަރ ބުނީ ސަންޗޭޒް ޕްރިމިއަރ ލީގުގެ އެއްވެސް ކްލަބަކަށް ވިއްކާ ނުލާނެކަމަށާއި، އެކަމުގެ ޔަޤީންކަން ދޭކަމަށެވެ. ސަންޗޭޒް ވިއްކާލާނީ އޭނާ އެކްލަބުގައި މަޑު ނުކުރަން ނިންމައިފި ހިނދެއްގައި ކަމަށާއި، އާސެނަލްގައި ސަންޗޭޒް މަޑުކުރާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށްވެސް ވެންގަރ ބުންޏެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން ވެންގަރ ބުނީ އާ ސީޒަނަށް ކްލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިފިކަމަށާއި، ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެކަމަށެވެ.

"ސަންޗޭޒް ޕްރިމިއަރ ލީގުގެ ވާދަވެރި އެއްވެސް ޓީމަކަށް ނުވިއްކާނަން. އޭނާ ކްލަބްގައި މަޑު ކުރާނެކަމަށް އުއްމީދުކުރަނީ" ވެންގަރ ބުންޏެވެ.

އާސެނަލްއާއިއެކު ވެންގަރ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އުމުރުން 67 އަހަރުގެ ކޯޗަށް އިތުރު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް އާސެނަލުން ހުށަހަޅާފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.