ޚަބަރު

ތިލަފުށިން އަލަށް ހިއްކި ސަރަޙައްދު ގުޅާލުމުގެ މަސައްކަތް


ތިލަފުށްޓާއި ތިލަފުށީފަޅުގައި އަލަށް ހިއްކާފައިވާ ސަރަޙައްދު ގުޅުވާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފިއެވެ. މިދެބައި ގުޅުވާލުމަށް ހަދާ އެކްސެސް ރޯޑް ތަރައްޤީކުރަމުން އަންނަނީ ޒަމާނީ ފެންވަރަށެވެ. ތިލަފުށީފަޅުގައި އަލަށް ހިއްކި ސަރަޙައްދު ތަރައްޤީކޮށްފައި ވަނީ އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައެވެ.

ތިލަފުށްޓަކީ، ސިނާއީ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. ތިލަފުށީގައި އަލަށް ހިއްކި އިންޑަސްޓްރިއަލް ޒޯނާއި ތިލަފުށި އެކެއް ގުޅުވާލާ، އެކްސެސް ރޯޑްގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށްދާއިރު، މިމަގަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގެކެވެ.

ތިލަފުށި ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާސިފް ވިދާޅުވީ، ކުރިއަށް އޮތް 4 މަހެއްހައި ދުވަހުގެތެރޭގައި މިމަގު ނިމޭނެކަމަށެވެ. މިއީ މިހާރު އިންޑަސްޓްރިއަލް އޭރިއާއިން ބިން ނަގާފައިވާ ވިޔަފާރިވެރިންނަށް ލިބޭނެ ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި މަގާއެކު އިންޑަސްޓްރިއަލް ޒޯނަށް ފެނާ ކަރަންޓްގެ ޚިދުމަތްވެސް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ، ތިލަފުށީގައި މިހާރު ހުރި މަގުތަކާ ޚިލާފަށް އާ އެކްސެސް ރޯޑަކީ، ޒަމާނީ ފެންވަރުގެ މަގެއް ކަމަށާ، އެ މަގަކީ، ކުރިއަށް އޮތްތަނުގައި ތިލަފުށީގެ އެހެންމަގުތައްވެސް އޮންނާނެ ގޮތްކަމަށް ނާސިފް ވިދާޅުވިއެވެ. ގާތްގަނޑަކަށް 45 މިލިއަން ރުފިޔާގެ މި މަޝްރޫއު، ކުރިއަށް ގެންދިޔުމަށް އަމީން ކޮންސްޓްރަކްޝަނާ ހާވާލުކޮށްފައިވާނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅައިގެން ހަދާނެއެވެ.

އެ މަގުގައި ހަތް މީޓަރު ފުޅާމިނުގެ ދެ ލޭނާއި ރޭގަނޑު މަގަށް އަލިކުރަން މަގުގެ ކޮންމެ 30 މީޓަރަކުން ސޯލާ ލެޑް ލައިޓް ހަރުކުރާގޮތަށް ވަނީ ފަރުމާކޮށްފައިވެއެވެ. ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދުމަތް ޤާއިމްކުރުމަށް ޙަވާލުކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީއާއެވެ.