ކުޅިވަރު

ބޭލްއަށް އަނިޔާވިޔަސް ޒިދާން އިތުބާރާއިއެކު


ގެރެތް ބޭލްއަށް އަނިޔާވެ، ކުޅުމާއި ދުރަށްދާން ޖެހުމުން އެކަމާއި ކަންބޮޑު ނުވާކަމަށް ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުދީން ޒިދާން ބުނެފިއެވެ. 

27 އަހަރުގެ ބޭލްއަށް އަނިޔާވީ ބާސެލޯނާއާއި ދެކޮޅަށް ލީގުގައި ކުޅުނު އެލް ކްލަސިކޯ މެޗުގައެވެ. އެ މެޗުގެ ފުރަތަމަ އެގާރައިން ކޯޗް ޒިދާން ބޭލްއަށް ފުރުސަތު ދިނީ އޭނާގެ ފަލަމަސްގަނޑަށް ކުރިން ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. 

ޒިދާން ބުނީ ބޭލްއަށް ލިބުނު އަނިޔާއިން އަވަހަށް ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށާއި، އޭނާ ނެތްތަން ފޫބެއްދޭ ވަރުގެ ކުޅުންތެރިން ޓީމްގައި އެބަތިބިކަމަށެވެ. ކުރިއަށްއޮތް މަހެއްހާ ދުވަހު ބޭލް ހުންނާނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ޒިދާން ބުނީ އެންމެ ފަހުން ބޭލްއަށް އަނިޔާވި ފަހަރުވެސް މާކޯ އަސެންސިއޯ، އިސްކޯ އަދި ހަމޭސް ރޮޑްރިގޭޒް ފަދަ ކުޅުންތެރިންނާއިއެކު ނަތީޖާ ނެރެފައިވާކަމަށެވެ. 

"ބޭލްއަށް އަނިޔާވިޔަސް އެހެން ކުޅުންތެރިން އެބަތިބި، ހުރިހާ ކުޅުންތެރިންނަށް އިތުބާރު އެބައޮތް" ޒިދާން ފާހަގަކުރިއެވެ.

އޭނާ ބުނީ ސީޒަންގެ ފަހުކޮޅު މުހިންމު މެޗުތަކެއް އޮތްވައި ޓީމްގެ ގިނަ ކުޅުންތެރިންނަށް އަނިޔާވެއްޖެ ނަމަ ކަންބޮޑުވާނެކަމަށާއި، އެކަމަކު މިވަގުތަށް ހާސްނުވާކަމަށެވެ. 

ލަލީގާގައި މިރޭ ރިއާލް މެޑްރިޑް ދިޕޯތިވޯ ލަކަރޫނާއާއި ދެކޮޅަށް ނިކުންނާނެއެވެ. ކްލެސިކޯ މެޗުން ބަލިވެ، ރިއާލް ތާވަލްގެ ދެވަނައަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި މި މެޗުން މޮޅުވުން މުހިންމުކަމަށް ޒިދާންވަނީ ފާހަގަކޮށްފައެވެ. ލަލީގާގައި މިރޭ ވާދަވެރި ބާސެލޯނާ ނިކުންނާނީ އޮސަސޫނާއާއި ދެކޮޅަށެވެ.