ތިމާވެށި

ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް މާލެއަށް ހުޅުވާލައިފި


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތުގައި ރަޖިސްޓްރީކުރުމުގެ ފުރުޞަތު މުޅި މާލެއަށް ހުޅުވާލައިފިއެވެ.

މި ޚިދުމަތް ވެމްކޯއިން މީގެ ކުރިން ދެމުން އައިސްފައިވަނީ މަޖީދީމަގުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީކޮށްގެން 350 އަށްވުރެ ގިނަ ގޭބިސީތަކުން ކުނި ނަގަމުންގެންދެއެވެ.

މާލޭ ސިޓީގެ ގެތަކުން ކުނި ނެގުމުގެ ޚިދުމަތަކީ، ދެމެހެއްޓެނިވި ގޮތެއްގައި މާލޭ ސިޓީގެ ކުނި މެނޭޖް ކުރުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދެމުންދާ ޚިދުމަތެކެވެ. ވެމްކޯއިން ކުނި ނަގަމުންދަނީ ޢިމާރާތަކުން ކުނި ނަގާނަމަ 100 ރުފިޔާގެ ރޭޓުންނެވެ. އަދި ކޮންމެ ގޭބިސީއަކުން ކުނި ނެގުމަށް 150 ރުފިޔާއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ ކޮންމެ 10 ލީޓަރެއްގެ ކުންޏަށް 10 ރުފިޔާގެ ރޭޓުންނެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މުޙައްމަދު އިޤްބާލް ވިދާޅުވީ، ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކަމަށާއި، މުޅި މާލެއަށް ކުނި ނެގުމުގެ ޚިދުމަތް ފުޅާވެގެންދާއިރު، އެކަމަށް ވެމްކޯ އޮތީ ތައްޔާރަށްކަމަށެވެ.

މާލެ ސިޓީގެ ކުނި މެނޭޖް ކުރުމަށް ވެމްކޯއިން ދެމުންދާ މި ޚިދުމަތަށް ވީހާވެސް ގިނަ ގޭބިސީއަކުން ބައިވެރިވުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ. މިހާރުވެސް ރައްޔިތުންގެ ފަރާތުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތަށް ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާކަން ވެމްކޯގެ ކަލެކްޝަން ސަރވިސް މެނޭޖަރ ހިދާޔާ ނަޞީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް 1 ހެކްޓަރުގެ ބިމެއް، އިންޑަސްޓްރިއަލް ވިލެޖުން ވެމްކޯއަށް ދެއްވާފައެވެ. އަދި ކުނި މެނޭޖްކުރުމަށް ބަރު އުޅަނދާއި، އިތުރު އުޅަނދުތައް ސަރުކާރުން ދެއްވާފައިވެއެވެ.

ވެމްކޯއިން ކުނި ނެގުމުގައި ބޭނުންކުރާ އުޅަނދުތަކަކީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް ފެތޭ ތިމާވެއްޓާ ރަޙްމަތްތެރި އުޅަނދުތަކެއް ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ވޭސްޓް ކަލެކްޝަން ސަރވިސްގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ކޮމްޕެކްޓަރ ޓްރަކް، ޑަމްޕް ޓްރަކް އަދި މާލެއަށް އަލަށް ތަޢާރަފްކުރި ކުނި ނެގުމުގައި ބޭނުންކުރާ ޚާއްސަ ޓްރައިސިކަލެވެ.