ރިޕޯޓް

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން ހުރިހާ ސްކޫލަކަށް!


މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން ހަމަޖެހިގެންދާނެކަމަށް އެޑީޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ "ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި  "ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މިއީ އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދެއްވާ ޓީޗަރުން އިތުރަށް ހަރުދާނަކުރެއްވުމުގެ މަޤުސަދުގައި ކުރިއަށް ގެންދަވާ މަހާސިންތާއެކެވެ. 

މިމަހާސިންތާ އިފްތިތާޙްކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވުމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްވަނީ އެންމެހައި ދަރިވަރުން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރައްވައި އެނިޒާމު ހަރުދާ ކުރައްވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދެއްވާ ޓީޗަރުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިންގައި، 217 ޓީޗަރުން ފާއިތުވީ 2 އަހަރުގެ ތެރޭގައި ތަމްރީނުކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

"ތަޢުލީމީ ދާއިރާއަށް ގެންނަ އިންޤީލާބީ ބަދަލާ ގުޅިގެން ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް، ޤާއިމްކޮށް ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމްކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. އޭގެ ތެރޭގައި ކްލާސްރޫމް އިތުރުކުރުމާއި ސައިންސް ލެބޯޓްރީ އަށް ބޭނުންވާ ސާމާނު ހޯދުމާއި، ލައިބްރަރީއަށް ފޮތްތައް އިތުރުކުރުން ފަދަ ކަންކަން ހިމެނޭ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14930945898129.jpg|ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ އިފްތިތާޙްކޮށްދެއްވުމުގެ ތެރެއިން - ޕީއެސްއެމް ފޮޓޯ: ޢަލީ ނަސީރު

މި މަހާސިންތާގެދަށުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާނެ ޑިގްރީ ފެންވަރުގެ 23 ޓީޗަރަކު ސްކޫލްތަކާ އަލަށް ގުޅޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 

އަދި އަލަށް ފަރުމާކޮށްފައިވާ ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހުގައި، އޯޓިޒަމަށް ޚާއްޞަ މޮޑިއުލެއް ހިމާނާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަދު ފެށްޓެވި "ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ"ގެ ސަބަބުން ޙާސިލްވާނެ ކަންކަމާއި، ސަރުކާރުގެ އަމާޒުތަކުގެ މައްޗަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ. 

އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި، އެންމެހާ ދަރިވަރުން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިކުރައްވައި އެނިޒާމު ހަރުދަނާ ކުރައްވަން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނާއި، ނުކުޅުންތެރިކަން ހުންނަ ދަރިވަރުންނަށް ތަޢުލީމުދޭ ނިޒާމު ހަރުދަނާކުރައްވައި އެފަދަ ކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.