ޚަބަރު

ދެ ގެއަކާއި އޮފީހެއް ފާސްކޮށް ބަޔަކު ހައްޔަރުކޮށްފި


މާލެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ފަށާފަައިވާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން މައްޗަންގޮޅީގައި ހުރި އޮފީހަކާއި، 2 ގެއެއް ބަލައި ފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ. 

ކޯޓު އަމުރެއްގެދަށުން ފުލުހުން ރޭ ބަލައި ފާސްކުރީ، މައްޗަންގޮޅީ ޤަބުރުސްތާނުކައިރީގައި ހުރި އޮފީހަކާއި 2 ގެއެކެވެ. މީގެ ތެރެއިން ދެތަނަކުން ފުލުހުންވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އެމީހުންނާބެހޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. 

މިހާރު ކުރިއަށްދާ އޮޕަރޭޝަނާ ބެހޭ ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މި އޮޕަރޭޝަނުގައި، މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް، ސާމްޕަލް ނަގަންޖެހޭ ތަންތަނުން ސާމްޕަލްވެސް ނަގާނެ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މާލެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. 

tw:https://twitter.com/PoliceMv/status/856563089432395777

tw:https://twitter.com/PoliceMv/status/856563240867741696

ފުލުހުން މި ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ރޭ ތޫނު އެއްޗަކުން ޙަމަލާދީ، ބްލޮގަރ ޔާމީން ރަޝީދު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. 

ޔާމީންގެ މަރުގެ މައްސަލަ ތަހުޤިޤު ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލައި، އެ ޓީމުގެ ބެލުމުގެ ދަށުން މިމައްސަލަ ފުލުހުން ގެންދަވަނީ މިހާރު ތަހުޤީޤު ކުރައްވަމުންނެވެ. އަދި މިމައްސަލައިގެ ތަޙްޤީޤަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް އެންމެ މަތީ ދަރަޖައަށް ބޭނުންކުރާނެކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.