ތަޢުލީމު

ދަރިވަރުން ސްކޫލަށް ހާޒިރުވާ ނިސްބަތްވަނީ އިތުރުވެފައި- މިނިސްޓަރ


ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމާ ބެހޭގޮތުން އެކުލަވާލި، ސިޔާސަތުގެ ދަށުން ކުރެއްވި މަސައްކަތްތައް ވަރަށް ކާމިޔާބުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ކުރެއްވި މަސައްކަތުން ދަރިވަރުން ސްކޫލަށް ހާޒިރުވާ ނިސްބަތް އިތުރު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހެދި ސްކޫލްތަކުން ވަކިވާ ދަރިވަރުންނަށް ބަލާއިރު، ސްކޫލްތަކުން ވަކިވާ ދަރިވަރުންގެ ބޮޑު އިންސައްތައަކީ ހާޒިރީގެ މައްސަލަ ދިމާވާ ދަރިވަރުންކަމަށެވެ. ދަރިވަރުން ސްކޫލަށް ހާޒިރުވާކަން ކަށަވަރު ކުރުމަށްޓަކައި މިއުސޫލަށް ޢަމަލު ކުރަން ފެށީ މިދިޔައަހަރު މޭމަހުއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިޕޮލިސީއަށް ޢަމަލު ކުރަން ފެށިފަހުން ބައެއް ސްކޫލްތަކަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު ވަނީ މަދުކުރެވިފައެވެ. މިސިޔާސަތުގެ އެއް އަސާސަކީ ސްކޫލަށް ހާޒިރުނުވުމުގެ ސަބަބުން ގެއްލޭ ދުވަސްތަކުގެ ފިލާވަޅުތައް ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިގު މުއްދަތަކަށް ސްކޫލަށް ނާންނަ ދަރިވަރުންގެ މައްސަލަ ހައްލުކުރުމަށްޓަކައި މިސިޔާސަތުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.