ކުޅިވަރު

އެފްއޭކަޕްގެ ފައިނަލުން 20 ވަނަ ފަހަރަށް އާސެނަލް ޖާގަ ހޯދައިފި


މެޗްގެ އިތުރު ވަގުތުގައި ސަންޗޭޒް ކާމިޔާބުކޮށްދިން ގޯލުން މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދާ، އިނގިރޭސި އެފް.އޭ.ކަޕްގެ ފައިނަލުން 20 ވަނަ ފަހަރަށް އާރސެނަލް ޖާގަ ހޯދައިފިއެވެ.

އިނގިރޭސި އެފް.އޭ.ކަޕްގެ ސެމީފައިނަލް ދެވަނަ މެޗްގައި ރޭ އާރސެނަލްއާ މެންޗަސްޓަރ ސިޓީ ބައްދަލުކުރި މެޗް އާރސެނަލް ކާމިޔާބުކުރީ 2-1 ންނެވެ. 

މެޗްގައި ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ މެންޗަސްޓަރ ސިޓީންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. އޭގެ ފަހުން އާރސެނަލްއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ ނަޗޯ މޮންރެއާލްއެވެ. މި ނަތީޖާގައި އޮވެ މެޗުގެ ނުވަދިހަ މިނެޓްގެ ކުޅުން ހަމަވުމުން އިތުރަށް ކުޅުނު ފަނަރަ މިނެޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ސަންޗޭޒް ވަނީ އާރސެނަލް ފައިނަލަށް ގެންގޮސްދީފައެވެ. 

މިއީ މެންޗަސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ކޯޗިންގ ކެރިއަރުގައި ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. 

ފައިނަލްގައި އަންނަ މަހުގެ 27 ވަނަ ދުވަހު އާރސެނަލް ނިކުންނަން ޖެހޭނީ ފުރަތަމަ ސެމީފައިނަލް މެޗުގައި ޓޮޓެންހަމް ބަލިކޮށް، ފައިނަލުން ޖާގަ ހޯދި ޗެލްސީއާއި ދެކޮޅަށެވެ.