ޚަބަރު

ތިނަދޫ ހަރުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ގދ.ތިނަދޫ މާފުށި ސަރަހައްދުގައި ހުންނަ "ބާ ހަރުގެ" ނަމަކަށް ކިޔާ ހަރުގެއްގެ ތެރޭ ހުރި ދެ ދޯންޏެގައި ރޯވި އަލިފާން އެމްއެންޑީއެފް ގދ.ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން މިއަދު ނިއްވާލައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާއިރު މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ގދ.ތިނަދޫ ފަޔަރ ސްޓޭޝަންއަށް ލިބިފައިވަނީ މިއަދު 17:40 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ކަމުގެ މައުލޫމާތު ލިބުމާއިއެކު ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށް، ދެ ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 18:25 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާގައި ރޯވެފައިވާ ދެ ދޯންޏަކީ ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެން ހަރުގެތެރޭގައި ހުރި ދެ ދޯނިކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އަލިފާނުގެ ހާދިސާގައި ދެ ދޯންޏަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.