ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު މަހަށް ނުކުމެއްޖެއެވެ.
ހިރިޔާ ސްކޫލުގައި މެރިން ސައިންސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ މަސް ދަތުރަށް އެކުދިން ފުރީ ހެނދުނު 6 ޖެހި އިރުއެވެ. މިދަތުރުގައި މިކުދިން ވަނީ މާލެއާއި 12 މޭލު ދުރަށް ނުކުމެ ލޭނު މަސްވެރިކަން ކުރާ ގޮތް ބަލާ ތަޖުރިބާކޮށްފައެވެ. މިގޮތުން ލޭނުގެ މަސްވެރިކަން ކުރަން ބޭނުންކުރާ އާލާތްތަކާއި ލޭނު މަސްވެރިކަމަށް ދޯނި ތަކުގައި މިހާރު ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ މައުލޫމާތު ދަރިވަރުންނަށް ދީފައިވެއެވެ. \
މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގަރިކަލްޗަރ ޕްރޮގްރާމް އޮފިސަރ އަހުސަން މުހައްމަދު ވިދާޅުވީ، ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމްގެ ހިންގުމުގެ ބޭނުމަކީ މަސްވެރިކަމާ ބެހޭ މަޢުލޫމާތާއި ޢަމަލީ ގޮތުން މަސްވެރިކަން ކުރުމަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.
މީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި ލޭނު މަސްވެރިކަމުގެ ފުރަތަމަ ޕްރޮގްރާމްއެވެ. ގއ އަތޮޅުގެ 6 ސްކޫލަކަށް އަމާޒުކޮށްގެން ފިޝް ކޭމްޕެއް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި ކޭމްޕް ކުރިޔަށް ދާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ފަސްދުވަހުގެ މުއްދަތަށެވެ.