ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ނަޑެއްލާއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނަބަލުން ފާތިމަތު އިބްރާހީމް، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާއަށް ވަޑައިގެންފިއެވެ.

އެކަމަނާ ނަޑެއްލާއަށް ވަޑައިގެންފައިވަނީ، ރަށްރަށުގެ ރައްޔިތުންގެ ހާލު ބެއްލެވުމަށް އެކަމަނާ ފަށްޓަވާފައިވާ "އެންމެގާތުން" މިޝިޢާރުގެ ދަށުން ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި އެންމެ ޚާއްޞަކަމެއްގެ ގޮތުގައި ނަޑެއްލާގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނާއީ އެކަމަނާ ވަނީ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ކަމާ ގުޅުހުރި އިދާރާތަކުގެ ސަމާލުކަމަށްގެނެސް އެހީލިބޭނެ މަގުފަހިކޮށްދޭނެކަމުގެ ޔަގީންކަންވެސް އެކަމަނާވަނީ އެފަރާތްތަކަށް ދެއްވާފައެވެ.

ރައީސްގެ އަނބިކަނބަލުންގެ މިދަތުރުފުޅުގައި، ނަޑެއްލާގެ އިސްރައްވެހިންނާއި، އަންހެންކަނބަލުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ. އެކަމަނާގެ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެއަތޮޅު މަޑަވެއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނިކަނބަލުން ފާޠިމަތު އިބްރާހީމް "އެންމެ ގާތުން" މިޝިޢާރުގެ ދަށުން ހިންގަވާ ޙަރަކާތަކީ، ރަށްރަށަށް ވަޑައިގެން މުޖުތަމަޢުގައި އުޅޭ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށާއި، އެމީހުންގެ ޙާލުއަހުވާލު ބައްލަވާލެއްވުމަށް ފަށްޓަވާފައިވާ ޙަރަކާތެކެވެ.

މި ކެމްޕެއިނުގެ ދަށުން އެކަމަނާ ގެންދަވަނީ، ރާއްޖޭގެ އެކިރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ދިރިއުޅޭ ޢާއްމުރައްޔިތުންގެ އިޙްސާސްތަކާއި ޝުޢޫރުތައް އޮޅުން ފިލުއްވަމުންނެވެ. އަދި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެކަމަނާ ގެންދަވަނީ އެކިގޮތްގޮތުން އެހީތެރިވެވަޑައިގަންނަވަމުންނެވެ.