ޚަބަރު

ޤާސިމް އިބްރާހީމް އަނެއްކާވެސް ހައްޔަރުކޮށްފި!


ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޤާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން މިރޭ ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ޤާސިމް ދިރިއުޅުއްވާ ގެއިންކަމަށެވެ. އެހެންނަމަވެސް ޤާސިމްގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތުތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ޤާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ބުދަދުވަހު ޤާސިމް ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ބަޔާން ނަގާފައެވެ. އަދި ޤާސިމް ދިރިއުޅެއްވާ ގެވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

މިރޭ ޤާސިމް ހައްޔަރުކޮށްފައިވާއިރު، މިމަގުގެ 6 ވަނަދުވަހުގެރޭވެސް ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ. އެހެންނަމަވެސް އޭގެ 6 ދުވަސް ޤާސިމް ދޫކޮށްލަން ހައި ކޯޓުން ކުރެއްވި އަމުރަކާއެކު އޭނާވަނީ ދޫކޮށްލާފައެވެ. މިގޮތަށް އަމުރުކުރީ ޤާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެކަމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުންނެވެ. 

ޤާސިމް ދޫކޮށްލިއިރު، އޭނާގެމައްޗަށް ތިން ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. ޤާސިމްގެ މައްޗަށް، ރިޝްވަތު ހުށައަޅަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ދަޢުވާއާއި، ވޯޓް ދޭންހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، 

ރިޝްވަތު ދޭން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވެނޭ އެންމެ ބޮޑު އަދަބަކީ 8 އަހަރަށް ޖަލަށްލުމެވެ. ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި  ވޯޓް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށްލުމެވެ. 

މި ކުށްތައް ޤާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެެ.