ކުޅިވަރު

ކޯޗުގެ މަޤާމް ދޫކޮށް، ޝަރަފް ވޮލީ ހިންގުމުގެ ތެރެއަށް!


ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗުކަމުގެ މަޤާމު ދޫކޮށްލަން މުޙައްމަދު ޝަރަފް ނިންމައިފިއެވެ. 

މިދިޔަ މަހު މާލޭގައި އޮތް އޭވީސީ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ގައުމީ ޓީމަށް އިރުޝާދުދިން ކޯޗް ޝަރަފް މަޤާމް ދޫކޮށްލަން ނިންމިކަން އިއުލާންކުރީ އޭނާގެ ފޭސްބުކްގައެވެ. 

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ޝަރަފް ބުނީ ގައުމީ ޓީމްގެ ކޯޗުގެ މަގާމް ދޫކޮށްލަން ނިންމީ ދިވެހި ވޮލީއަށް އޭނާގެ ޚިދުމަތް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވޮލީ ހިންގުމުގެ ދާއިރާއިންކަމަށްވާތީ އެދާއިރާއިން ޚިދުމަތްކުރަންކަމަށެވެ. 

ޝަރަފް ބުނީ ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވައި ހިންގޭނެވަރުގެ މީހުން އެބަތިބިކަމަށާއި، އެކަމަކު އިސްނަގައިގެން މިކަން ކުރަން ޖެހޭތީ އޭނާ ހިންގުމުގެ ދާއިރާއަށް އެއްކޮށް ބަދަލުވީކަމަށެވެ. 

"އަޅުގަނޑުގެ ޚިދުމަތް މި ވަގުތު ދިވެހިވޮލީއަށް އެންމެ ބޮޑަށް ބޭނުންވަނީ ހިންގުމުގެ ދާއިރާއިން، އެވަރުގެ ކެޕޭސިޓީ ހުރިކަމަށްވެސް ގަބޫލުކުރަން"

ޝަރަފް އަންނަނީ މިހާރުވެސް ވޮލީބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމްގެ އިތުރުން ވަގުތީގޮތުން ޖެނެރަލް ސެކެޓްރީގެ ޒިންމާތައް އަދާކުރަމުންނެވެ. 

ޝަރަފް ބުނީ އެސޯސިއޭޝަންގެ މުހިންމު ދެ މަޤާމް ފުރަމުން ޤައުމީ ޓީމްގެ ހެޑްކޯޗުގެ ޒިންމާތައް އަދާކުރުމުގައި ފުށުއެރުންތަކެއް ހުރެދާނެކަމަށާއި، ކޯޗްގެ މަޤާމް ދޫކޮށްލި މައިގަނޑު ސަބަބަކީވެސް އެއީކަމަށެވެ.

ގައުމީ ފިރިހެން ވޮލީ ޓީމާއިއެކު ފުރަތަމަ ބައިނަލްއަޤްވާމީ މެޑަލް ހޯދި ކޯޗް ބުނީ އޭނާ އަބަދުވެސް ހުންނާނީ ވޮލީބޯޅަ ކުރިއެރުވުމަށް އަތުކުރި އޮޅާލައިގެންކަމަށާއި، އެސޯސިއޭޝަންގެ އިދާރީ ކަންތައްތައް ހަރުދަނާވާންޖެހޭކަމަށެވެ. އެކަންތައް ހާސިލްކުރުމަށް މިހާރުގެ ރައީސް މުހައްމަދު ލަތީފާއި ގުޅިގެން ކުރިއަށްދާނެކަމަށް ޝަރަފް ބުންޏެވެ. 

ޝަރަފް ބުނީ ވޮލީ ހިންގުމުގެ ތެރެއަށް ވަތްކަމުގައި ވިޔަސް ކޯޗިން ކެރިއަރު ހުއްޓާ ނުލާކަމަށާއި، މިވަގުތަށް އެންމެ މުހިންމު ނިންމުމަކީ މިއީކަމަށެވެ. 

ޝަރަފްވަނީ 20 އަހަރު ކޯޗިންގެ ތެރޭގައި ދިވެހި ވޮލީއަށް ޚިދުމަތްކޮށްފައެވެ. ދިވެހި ގައުމީ ފިރިހެން ވޮލީޓީމަށް ޝަރަފްވަނީ ހަ އަހަރު އިރުޝާދުދީފައެވެ.