ތިމާވެށި

ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފި


އދ. ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޑިޒައިން މަސައްކަތް ކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިފިއެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގެ ދަށުން އދ. ދިގުރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ. 

ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީއާ މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހިންގާގޮތަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމްއެވެ. އަދި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ.

މިއެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު، އެންވަޔަރަމަންޓް މިނިސްޓަރ ވަނީ، އެމް.ޑަބްލިޔު.އެސް.ސީން ސީއެސްއާރުގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ސީއެސްއާރުގެ ދަށުން އެކުންފުނިން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ބޮޑު ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ތަރައްޤީގައި ބައިވެރިވުންކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ވަނީ އއ.ރަސްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް ނިންމައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ޙަވާލު ކުރައްވާފައެވެ. ރަސްދޫ ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތްވެސް އެކުންފުނިން ކޮށްފައިވަނީ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.