ޚަބަރު

ސަފީރުންގެ މަހާސިންތާއެއް ބޭއްވެވުމަށް ނިންމަވައިފި


ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ދައުރު ފުޅާކުރައްވައި، އެމްބަސީތަކުން އަދާކުރެވިދާނެ ދައުރާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ސަފީރުންގެ މަހާސިންތާއެއް ބޭއްވެވުމަށް ފޮރިން މިނިސްޓްރީން ނިންމަވައިފިއެވެ. 

މިމަހުގެ 19 އިން 20 ކުރިޔަށް ގެންދަވާ މި މަހާސިންތާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަފީރުންނަށް އަދާކުރެވިދާނެ ރޯލާއި ގުޅޭގޮތުންވެސް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނާ ޙިއްޞާކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުންގެ ދައުރު އިތުރުކުރެއްވުމަށްޓަކައި ކުރިއަށްގެންދާ ދިވެހި ސަފީރުންގެ މަހާސިންތާ ކުރިއަށްގެންދަވަނީ ފޮރިން މިނިސްޓަރީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިވަޑައިގެނެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ މަރިޔަމް މިދްފާ ނަޢީމް ވިދާޅުވީ، މިމަހާސިންތާގެ ތެރެއިން ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި، ބައިނަލްއަޤްވާމީ ކަންކަމުގައި ސަރުކާރުން ނަންގަވާ ސްޓޭންޑް ހުރިހާ އެމްބެސެޑަރުންނާ ޙިއްޞާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީ އަޙްމަދު ޙަސަން ދީދީ ވިދާޅުވީ މެދުކެނޑުމަކަށްފަހު މިފަދަ މަހާސިންތާއެއް ކުރިއަށްގެންދެވުމުން، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ރާއްޖޭއަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށް ސަފީރުންގެ ދައުރު އިތުރުވެގެންދާނެކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާގެ އިތުރުން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ސަފީރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މި މަހާސިންތާގައި މަޢުލޫމާތު ދޭނެކަމަށް އަޙްމަދު ޙަސަން ދީދީ ވިދާޅުވިއެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ، ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނެސް ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކާ ގަވަރނަންސްއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މައުލޫމާތު ސަފީރުންގެ މަހާސިންތާގެ ތެރެއިން ޙިއްޞާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިމަހާސިންތާގައި ފޮރިން މިނިސްޓްރީގެ އިތުރުން، ޓޫރިޒަމް މިނިސްޓަރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، އެންވަޔަރަމެންޓް މިނިސްޓްރީއާއި، ބަންޑާރަނައިބުގެ އޮފީހާއި، ޖެންޑަރ މިނިސްޓްރީގެ އިސްވެރިން މަޢުލޫމާތު ދެއްވާނެއެވެ. މީގެ އިތުރުން އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުންވެސް މިބައްދަލުވުމުގައި މަޢުލޫމާތުދެއްވުމަށްވަނީ ހަމަޖެހިފައެވެ. 

މިމަހާސިންތާ ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހާއި 20 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ.