ޚަބަރު

ރައީސްގެ އަނބިކަނބަލުން އަލިއްފުޓާއި އުނގޫފާރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ރ.އަލިފުށްޓަށް ވަޑައިގެން އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައިފިއެވެ. 

"އެންމެ ގާތުން" މިނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަތޮޅުތަކަށް ކުރައްވަން ފަށްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ރ. އަލިފުއްޓަށް ވަޑައިގަތުމުން، އެރަށުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެރަށުގެ ގިނަޢަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެފައެވެ. 

އަލިފުށްޓަށް ވަޑައިގެން، އެކަމަނާ ވަނީ އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި އަލިފުށީގެ ޞިއްޙީ މަރުކަޒުގެ އިސްވެރިންނާއި، ސްކޫލްގެ މެނޭޖްމެންޓާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އެކަމަނާ ވަނީ އަޑުއައްސަވާފައެވެ. 

މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއީ، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަފީފް ޢުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގަންނަވައެވެ. 

މިދަތުރުފުޅުގައި މިއަދު އެކަމަނާވަނީ ރ.އުނގޫފާރަށްވެސް ވަޑައިގެންފައެވެ. މިދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާވަނީ ރ.ދުވާފަރަށް ވަޑައިގެންފައެވެ. 

"އެންމެ ގާތުން" ކެމްޕެއިނުގެ ދަށުން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ވަޑައިގެން، އެމީހުންގެ ޙާލު ބައްލަވައި، މިހާރުން މިހާރަށް ބޭނުންވާކަންކަން ދެނެގަތުމުގެ މަސައްކަތް އެޑްވާންސް ޓީމްތަކެއް ފޮނުވައިގެން އެކަމަނާ ގެންދަވަނީ ބައްލަވަމުންނެވެ. އަދި އަތޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އަމިއްލަފުޅަށްވެސް އެކަމަނާ ގެންދަވަނީ އެހީވެދެއްވަމުންނެެވެ.