ދީން

"ނަފްސާނީ ބަލިތަކަށް އޮތް ޝިފާއަކީ އިމާންތެރިކަން ވަރުގަދަކުރުން"


ނަފްސާނީ ބަލިތަކާއި، މާޔޫސްވުމުގެ ބައްޔަށް އޮތް އެންމެ ބޮޑު ޝިފާއަކީ އަޤީދާއާއި، އީމާންތެރިކަން ވަރުގަދަކުރުންކަމަށް މިހަފްތާގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އިންސާނުންނަކީ އުފަންވާއިރުވެސް އެކި ތަފާތުތަކާއެކު އުފަންވާބައެކެވެ. އެގޮތުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކަންކަމާ ކުރިމަތިލުމުގެ ހިއްވަރު އެކިމީހުންގެ ހުންނަނީ އެކިވަރަށެވެ. އިންސާނުން އުފެދިފައިވާގޮތާއި، ނަސްލާއި، ނިސްބަތްވާ ޤައުމާއި، ސިފަޔާއި، ހަމުގެ ކުލައަށް ބަލާއިރު ތަފާތުތައް ހުރިނަމަވެސް މާތްﷲގެ ހަޟުރަތުގައި އެންމެހައި އިންސާނުންނަކީ ހަމަހަމަ ބައެއްކަމަށާއި، އެކަލާންގެ ހަޟުރަތުގައި މީހެއްގެ ދަރަޖަ ގިންތިކުރެވެނީ އެމީހެއްގެ ތަޤްވާވެރިކަމުގެ މައްޗަށްކަމަށް ޤުރުއާނުގައިވަނީ އަންގަވާފައެވެ.

އިސްލާމްދީނަކީ، މާއްދިއްޔަތާއި ރޫޙާނިއްޔަތުގެ ދީން. އިސްލާމްދީނަކީ އިންސާނާ ދިރިއުޅުމުގެ އެންމެ ބޮޑެތި ކަންތައްތަކުން ފެށިގެން އެންމެ ކުދިކުދި ކަންތައްތައްވެސް ބައްޓަންކުރަންވީގޮތް އަންގަވާފައިވާ، އެދީނުގެ އުސޫލުތަކަށް ތަބާވެ ބޯލަނބައިފިނަމަ ދެދުނިޔޭގެ ކާމިޔާބީއާއި، ބާއްޖަވެރިކަން ލިބިގެންދާ، ފުރިހަމަ ދިރިއުޅުމުގެ ނިޒާމެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވެވި ހުކުރު ޚުޠުބާގައި، ނަފްސާނީ ބަލިތަކާއި، މާޔޫސްވުމުގެ ބައްޔަށް އޮތް ޝިފާއާ ގުޅޭގޮތުން ދީނީ ނަޒަރަކުން އަލިއަޅުއްވާލައްވާފައިވެއެވެ. ނަފްސާނީ ބަލިތަކު ޝިކާރައަކަށްވެ މާޔޫސްކަމާ ކުރިމަތިލާންޖެހިފައިވާ މީހުންގެ ޢަދަދު އެތައް ސަތޭކަ މިލިއަނަށް އަރާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުގައި، މާޔޫސްކަމުގެ ތެރެއަށް ގިނަބަޔަކު ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ދިރިއުޅުންދެކެ ފޫހިވުމާއި، ދިރިއުޅުންދެކެ ބިރުގަތުމާއި، ރިޒުޤު ނުލިބޭނެކަމުގެ ބިރު ހީވުމާއި، ތިމާ ހިތް ނޭދޭ ކަންތައްތަކެއް ގިނަދުވަސް ވަންދެން ކުރިމަތިވުން ހިމެނެއވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަކީވެސް ނަފްސާނީ ބަލިތައް ކުރިމަތިކުރުވާ ކަމެކެވެ. 

ޚުޠުބާގައި ވިދާޅުވީ މިހުރިހާ ކަންކަމަކީވެސް ތިމާގެ އީމާންކަމާއި އަޤީދާއާ ގުޅިގައިވާ ކަންކަން ކަމަށެވެ. އަދި އީމާންތެރިކަމާއި، އަޤީދާ ބަލިކަށިވެއްޖެނަމަ ޝައިޠާނާ އެމީހެއްގެ ސިކުނޑީގައި ރަސްކަން ކުރަން ފަށާނެކަމަށް ބަޔާންކޮށްދެއްވިއެވެ.

"އިސްލާމް ދީނަކީ ތިމާމެންނަށް ކުރިމަތިވާ ކޮންމެ ކަމެއްގެ ޙައްލު އެންމެ ފުރިހަމައަށް ގެނެސްދީފައިވާ ދީން. އެދީނުގައި އަންގަވާފައިވާގޮތަށް އެންމެހާ މުސްލިމުންގެ ޢަމަލުތައް ބަހައްޓާނަމަ މުސްލިމުންނަށް އެއްވެސް ކަމެއްގައި ހިތްދަތިކަމެއް އަދި އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެ ނަފްސާނީ ބަލިމަޑުކަމެއް ކުރިމައްޗެއް ނުވާނެ. އެހެންކަމުން މާތްﷲ މުސްލިމުންނަށްއަންގަވާފައިވަނީ މިފަދަ ކަންކަމަށް ނަމާދާއި ކެއްތެރިކަމުން ވާގި ހޯދަން." ޚުޠުބާގައި ވިދާޅުވިއެވެ.  

މާޔޫސްވުމުގެ ބައްޔާއި ނަފްސާނީ ބަލިތަކުން ސަލާމަތްވުމަށް ތިމާއަށް ހެޔޮއެދޭ ހެޔޮލަފާ ތަޤުވާވެރި ރައްޓެހިން ހޯދުމަށް އިސްލާމް ދީނުގައި ބާރުއަޅާކަމަށާއި، އެއީ ދެދުނިޔޭގައިވެސް ލިބިގެންދާނެ ބާއްޖަވެރިކަމަކަށް ވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އިންސާނުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވެ އުފާވެރި މޫނަކާއެކު ބައްދަލުކުރުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާކަމަށް ޙުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ހިނިތުންވުމަކީ އިޖްތިމާއީ ގުޅުންތައް ބަދަހިވެ، ހިތްތަކަށް އުފާވެރިކަން ގެނެސްދީ މާޔޫސްކަމާއި، ބޮޑާކަމާއި، ކިބުރުވެރިކަން ފިލުވާލާ ކަމެއްކަމަށާއި، އެއީ މާތްﷲގެ ހަޟުރަތުގައި ދަރުމައާއި ސަބާބުހުރި ކަމެއްކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މަދަދަށް އެދެންޖެހޭނީ މާތްﷲގެ ހަޟުރަތުންކަމަށް ވިދާޅުވެ، ހަވާ ނަފްސުގެ ނުބައި ގޮވުންތަކަށް ތަބާ ނުވުމަށް ހުކުރު ޚުޠުބާގައި ދިވެހި ރައްޔިތުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. މާޔޫސްވުމުގެ ބައްޔާއި، ނަފްސާނީ އެހެނިހެން ބަލިތަކުން ރައްކާތެރިވެ ތިމާއަކި ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށްވުމަށްޓަކައި، ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ކުރާ އިތުބާރު ދެމެހެއްޓުން ނުހަނު ބޭނުންތެރިއެވެ.